11 Apr 2016, 12:30
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު، ދާއިމީ އެއް ކޮމިޓީއެއްގައި މަސައްކަތް ކުރަން ލާޒިމު ނުވާ ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހު ތަޅުމަށް އިއްވައިފި އެވެ.
ކޮމިޓީއިން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި އިސްލާހަކީ މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) އަށް ހުށަހެޅި އިސްލާހެވެ. އެ މާއްދާގެ (މ) ގައި މިހާރު ވާ ގޮތުން، ކޮމިޓީއިން މަޖިލީހަށް ފޮނުވާ ބިލެއް މަޖިލީހުގެ ތަޅުމުން ފާސް ނުވެއްޖެ ނަމަ، އެ ބިލެއް އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އަހަން ޖެހެ އެވެ. ނަމަވެސް ހުށަހެޅިފއިވާ އިސްލާހުގައިވާ ގޮތުން، ކޮމިޓީން ދިރާސާ ކޮށްފައި ފޮނުވާ ބިލެއް މަޖިލީހުން ފާސް ނުވެއްޖެ ނަމަ އިތުރަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނުނަގައި، އެ ބިލެއް ބާތިލު ވާނެ އެވެ.
ދެވަނަ އިސްލާހަކީ މަޖިލީހުގެ 85 ވަނަ މާއްދާގެ (ފ) އުނި ކުރުމެވެ. އެ މާއްދާގެ (ފ)ގައި ބުނެފައި ވަނީ ކޮމިޓީއަށް ފޮނުވުމަށް ވެސް ފާސް ނުވެއްޖެނަމަ އެ ބިލެއް އެ ހިސާބުން ބާތިލު ވާނެ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 111 ވަނަ މާއްދާގެ (ނ) އުނި ކުރުމަށް ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ކޮންމެ މެމްބަރަކު ވެސް މަދުވެގެން ދާއިމީ އެއް ކޮމިޓީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި މާއްދާގެ (ނ) އުނިކޮށްފި ނަމަ، މަޖިލީހުގެ މެމްބަރަކު މަދުވެގެން ދާއިމީ ކޮމިޓީއެއްގައި އިންނާކަށް ނުޖެހޭނެ އެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދަކީ 14 އެވެ. ދާއިމީ ކޮމެޓީތަކުގެ ތެރޭގައި 13 މެމްބަރުންނާއި 11 މެމްބަރުން ކޮމެޓީ ހިމެނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިތުރުވެގެން ދިއުމުން، ޕާޓީޓަކުގެ ނިސްބަތަށް ބަލައި ކޮންމެ މެމްބަރަކު ދާއިމީ އެއް ކޮމެޓީއަކަށް އައްޔަން ކުރުމަކީ އުނދަގޫ ކަމެއް ކަމަށް މަޖިލީހުން ކުރިން ވަނީ ބުނެފަ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު: ގާނޫނުލް އުގޫބާތަށް ތާރިގު އިސްލާހު ހުށަހެޅުއްވީ އިލްމުވެރިންނާ މަޝްރާ ކުރެއްވުމަށްފަހުގައި ކަމަށް ވިދާޅުވި-- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ މެޖޮރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މި އިސްލާހުތަކަކީ މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި ރިޔާސަތުން ހުށަހެޅި އިސްލާހުތަކަކަށްވާ އިރު، މިފަދަ ކަންކަމަށް ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް، މަޖިލީހުގައި ހުށަހަޅާ މިފަދަ ރަނގަޅު ކަންކަން ދުވަހަކުވެސް އިދިކޮޅު މެމްބަރުން ނުފެންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން މިފަދައިން ކޮމިޓީތަކުގައި ވެސް މަސައްކަތަށް ހުރަސް އަޅައި، މިފަދަ އަމަލުތައް ހިންގަމުން ދާ ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ސަން ފައިލް ފޮޓޯ
މި އިސްލާހާ ދެކޮޅާށް ވާހަކަ ދައްކަވައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މަޖިލީހުގެ މެމްބަރަކަށް ވުމަށް ވަކި މީހަކަށް މަޖުބޫރެއް ނުވާނެ ކަމަށާއި، އަމިއްލައަށް ކުރިމަތިލައިގެން މަޖިލީހަށް މެމްބަރެއް ހޮވޭ އިރު، ކޮމިޓީތަކުގައި ބައިވެރިވުމަކީ މެމްބަރުންގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އަމިއްލައަށް ކުރިމަތިލައިގެން ދާއިރާއެއް ތަމްސީލުކުރަން ބޭނުންވެގެން، މާތް ރަސްކަލާނގެ ގަންދީ ހުވާއެއް ކޮށްގެން މިތިބީ އެކަން ކުރުމަށް އައިސް. ވީމާ އެންމެ ކުޑަމިނުން ކޮމިޓީއެއްގައި ބައިވެރިވެ، އަޅުގަނޑުމެން ކުރި ހުވައާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.
އަދި، މަޖިލީހުގެ ކޮމިޓީއެއްގައި އިންނަވަން ބޭނުންފުޅު ނުވާ ވަރުގެ މެމްބަރަކު މަޖިލީހުގައި އިންނަވާނެ ކަމީ، ސުވާލު އުފެދޭ ވަރުގެ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ، މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާއަށް ހުށަހެޅިފައިވާ ދެ އިސްލާހާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
މި އިސްލާހުތަކަށް ވޯޓަށް އެހުން މިއަދު މެންދުރު ފަހު މަޖިލީހުގައި އޮންނާނެ އެވެ.