11 Apr 2016, 11:17
އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް މިނެޓުތެރޭ ޖެހި ތިން ލަނޑުން މެންޗެސްޓާ ޔުނައިޓެޑު އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެ އެވެ.
ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް އަތުން ޓޮޓެންހަމް މޮޅުވީ 3-0 ލަނޑުންނެވެ. އެ މެޗުން ބަލިވުމާ ގުޅިގެން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރާ މަސައްކަތްތަކަށް ވަނީ އިތުރު އުނދަގުލެއް ކުރިމަތިވެފަ އެވެ.
މި ނަތީޖާއާއެކު ލީގުގެ ދެ ވަނައިގައި އޮތް ޓޮޓެންހަމްއަށް 33 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއަށް 33 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. ޔުނައިޓެޑް ކުޅުނު 32 މެޗުން ލިބުނު 53 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތްއިރު، ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ޑެލޭ އަލީ، ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ: އެ މެޗުން ޓޮޓެންހަމް މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: އޭޕީ
މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކުރުމަށް ޓޮޓެންހަމްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހެރީ ކޭންއަށް އެރިކް ލަމޭލާ ދިން ބޯޅަ ހޯދުމަށް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ކުރިއަށް ނުކުތް ނަމަވެސް، އެ ބޯޅަ އޭނާއަށް ލިބިފައެއް ނުވެއެވެ. އެ ބޯޅައިން ކޭން ހަމަލާ އުފެއްދުމުގެ ކުރިން ޑެނީ ބްލިންޑް އަދި ކްރިސް ސްމޯލިންގްގެ މަސައްކަތުން އެ ބޯޅަ ވަނީ ހޯދައިފަ އެވެ.
އޭގެ މިނެޓެއް ފަހުން ވެސް ޓޮޓެންހަމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހުރަހަކުން ލަމެލާ އަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތުން، އޭނާ ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ގޯލާ އަމާޒެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޓޮޓެނަހަމްއިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. އޭގެ ހަތަރު މިނެޓްފަހުން ލަމޭލާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް ލީޑު ފުޅާކޮށްދިނީ ޓޮބީ އެލްޑާވެރެލްޑް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: އޭޕީ
އެ މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ވަނީ އިތުރު ލަނޑެއް ޖަހައި، އިތުރަށް ލީޑު ފުޅާކޮށްފަ އެވެ. ޑިފެންޑަރު ޑެނީ ރޯސް ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާ އެވެ.
ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ ފަސޭހަކަމާއެކު 4-1 ލަނޑުން މޮޅުވެފަ އެވެ. ލިވަޕޫލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޑިިވޯކް އޮރިގީ ކާމިޔާބުކޮށްދިންއިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލްބާޓޯ މޮރޭނޯ އާއި ޑެނިއެލް ސްޓަރިޖް އެވެ. ސްޓޯކް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބޯޖާން ކްރިކް އެވެ.