ކޯޓު އަމުރެއްގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ބަހައްޓާފައި ހުރި ޅ. ހިންނަވަރު ނައިލޯނުގޭ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު)ގެ ގަޔަށް ހޫނުފެން އެޅި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭނާގެ އާއިލާ އިން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ހައްވާ ވަޖުދާ ވިދާޅުވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުއްޓައި ޝުމްބާ އަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ޓަކައި އެ ކޮމިޝަންގެ ޓީމެއް ވަނީ މާފުށީ ޖަލަށްގޮސް ޝުމްބާއާ ބައްދަލުކޮށްފަ އެވެ.

ސަން އަށް މައުލޫމާތު ދެމުން ޝުމްބާގެ މަންމަ ޒައީމާ އަބްދުއްރަހްމާން ބުނީ މިދިޔަ ހަފްތާގެ ކުރީކޮޅު ޝުމްބާ ހުންނަ ގޮޅީގެ ފާޚާނާގައި ސީސީޓީވީ ކެމެރާއެއް ހަރުކުރުމުން އޭނާ އެ ކެމެރާ ހަލާކުކޮށްލުމުން "ފޯސްއެއް" ގޮސް ތަނަކަށް ވައްދާފައި އޭނާގެ ގަޔަށް ހޫނުފެން އަޅާފައިވާ ކަމަށެވެ. އަދި އެއަށް ފަހު ގަނޑުވެފައި ހުރި ފެން އެއްޗެއްގެ ތެރޭގައި ޝުމްބާ ބާއްވާފައިވާ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

"ޝުމްބާގެ ހަށިގަނޑުން އަނިޔާ ކުރި ކަމުގެ ނިޝާންތައް ފެންނަން ހުންނާނެ. ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ މާފުށީ ޖަލަށް ގޮސް އެކަން ހިނގައިދިޔަ ގޮތް ބަލާފައި،" ޝުމްބާގެ މަންމަ ބުންޏެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ ޖަލުގައި ހުރި އެއްވެސް މީހަކަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ލާއިންސާނީ އަނިޔާއެއް ކޮށްފައިނުވާނެ ކަމަށާއި ބަޔަކު ދައްކާ އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު، ސ. ހިތަދޫ ކޮމަންޑޫގޭ ޒާހިދު ރަމީޒުގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ތަފާތު އެކި ދުވަސްމަތިން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝުމްބާ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.