11 Apr 2016, 11:02
ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ހިންގާ ފެނުގެ ނިޒާމު ގާއިމުކުރުމުން، އެ ފެނުގެ ނިޒާމުން ޚިދުމަތް ލިބޭނީ މާލޭގައި ވެސް ފެނުގެ ޚިދުމަތް ލިބޭ ގޮތަށް ކަމަށް އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ތާރިގު ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅު ތެރޭގައި ވެސް ގާއިމު ކުރެވޭ ފެނުގެ ނިޒާމުތަކުގެ ދަށުން، ކޮންމެ ގެޔަކަށް ފެން ޓެޕު ވައްދައި، ފެން މީޓަރާއި ހަމައިން ގޭތެރެއިން ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭ ކަމަށެވެ.
އަދި ރައްޔިތުންނާ ހަމައަށް ފޯރާނީ، އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ޓެސްޓުކޮށް، ކޮލިޓީ ހިފަހައްޓަމުންދާ ސާފު ފެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުރިހާ ރަށެއްގައި ވެސް އާރުއޯ ޕްލާންޓު ބަހައްޓާފައި. އަދި ފެން ސްޓޯރޭޖު ބަހައްޓައި، އާރުއޯ ޕްލާންޓު ޑީސެލިނޭޓް ކޮށްފައި ފެން ދޫކުރަނީ. ފެން ދޫކުރުމުގެ ކުރިން އީޕީއޭއިން ޓެސްޓުކޮށް، ކޮލިޓީ ބަލަމުން ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިނިސްޓަރު ވިދާޅުވީ އަތޮޅުތެރެއާއި މާލެއާ ފެނުގެ އަގު ތަފާތު ކަމަށާއި ސަބަބަކީ އަތޮޅު ތެރޭގައި ފެނުގެ ޓެރިފް ހަމަޖައްސާފައި އޮންނަނީ އީޕީއޭ އިން ކަމުގައި ވާތީ ކަމަށެވެ.
"ފެނުގެ ޓެރިފް އަތޮޅުތެރޭގައި ހަމަޖައްސާފައި އޮންނަނީ އީޕީއޭއިން. އެ ޓެރިފްއަށް ބޭސް ކޮށްފައި އަގު ނަގަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި، މެމްބަރުން ވަނީ އެމެމްބަރުންގެ ދާއިރާތަކުގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރިޔަށް ދާ ގޮތާއި މެދު އެންވާރަމެންޓް މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.
ޖަލްސާގައި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ، ތ. ހިރިލަންދޫއާއި ކިނބިދޫގައި ފެނުގެ ނިޒާމު ކުރިޔަށް ދާނީ ކޮން އިރަކުތޯ ބެއްލެވުމަށް ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދެ ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި ޖަހާފައި ނުވާ ކަމަށެވެ.
" ދެހާސް ފަނަ އަހަރުގައި ވެސް ހިރިލަންދޫގެ ފެނުގެ ނިޒާމު ބަޖެޓުގައި ނެތް. ސަރުކާރުން ދަނީ ސާފު ބޯފެނާއި ނަރުދަމާ ރައްޔިތުންނަށް ފޯޜުކޮށްދެމުން. މި ސަރުކާރުގެ ނިމިދިޔަ ދެ އަހަރު ތެރޭގައި 10 ރަށަށް ފެނުގެ ނިޒާމާއި 10 ރަށުގެ ނަރުދަމާ ނިޒާމު ވަނީ ނިމިފައި، އަދި މިހާރު ނުވަ ރަށެއްގެ ފެނުގެ ނިޒާމާއި 11 ރަށުގެ ނަރުދަމާގެ މަސައްކަތް ކުރެވެމުން ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.