ވޮޝިންޓަން (އޭޕްރިލް 11): އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން ރަސްމީ އީމެއިލްތައް ފޮނުވަން އަމިއްލަ އީމެއިލް އެކައުންޓެއް ބޭނުން ކުރުމުގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ނުރައްކާ ނުވާ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އިއްޔެ "ފޮކްސް ނިއުސް ސަންޑޭ"އަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ، ރަސްމީ ކަންތައްތަކަށް ސަރުކާރު އީމެއިލް އެކައުންޓެއްގެ ބަދަލުގައި އަމިއްލަ އީމެއިލް އެކައުންޓެއް ހިލަރީ ބޭނުން ކުރެއްވުމަކީ "ފަރުވާ ކުޑަ ކަމެއް" ކަމަށެވެ. ނަމަވެސް، އޭގެ ސަބަބުން އެމެރިކާގެ ސަލާމަތަށް ގެއްލުން ނުވާ ކަމަށެވެ.

"އަޅުގަނޑު މިހާރުވެސް ގަބޫލު ކުރަނީ އޭނާ [ހިލަރީ ކްލިންޓަން]ގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ކަމަށް. އީމެއިލް ބޭނުން ކުރުމުގައި ހިލަރީ ފަރުވާ ކުޑަކޮށްފައިވޭ އަދި އޭނާ ވަނީ އެކަމަށް އެއްބަސްވެފައި. ނަމަވެސް، އެމެރިކާ ނުރައްކަލަށް ހުށަހެޅޭނެ ކަމެއް ހިލަރީ ގަސްތުގައި ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވަމުން ގެންދަވާ ހިލަރިީ ކްލިންޓަންގެ އީމެއިލްތަކުގެ ތެރެއިން 2000 އަށް ވުރެ ގިނަ އީމެއިލްއަކީ ސިއްރު އީމެއިލްތައް ކަމަށް އެފްބީއައިގެ ޖަސްޓިސް ޑިޕާންޓްމެންޓުން ވަނީ ނިންމައިފަ އެވެ.

ހިލަރީގެ ދިފާއުގައި އޮބާމާ ވާހަކަފުޅު ދެއްކެވުމުން އިދިކޮޅު ރިޕަބްލިކަން ޕާޓީން ވަނީ އޮބާމާއަށް ފާޑު ކިޔައިފަ އެވެ. ރިޕަބްލިކަން ޕާޓީން ބުނި ގޮތުގައި މިހާރު ވެސް ވެރިކަމުގައި އޮތް ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ ހިލަރީގެ ރިޔާސީ ކެމްޕެއިނަށް ބުރޫ އަރާފާނެތީ އޮބާމާގެ ޖަސްޓިސް ޑިޕާޓްމެންޓުން ހިލަރީއާ ދެކޮޅަށް ދައުވާ ކުރަން ފަސްޖެހެ އެވެ. ނަމަވެސް، އޮބާމާ ވަނީ އެ މައްސަލައިގެ ތަހުގީގުގަށް އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި މައްސަލައިގަ ވެސް އަދި އެފްބީއައިގެ ޖަސްޓިސް ޑިޕާންޓްމެންޓުން ބަލާ އެހެން މައްސަލައެއްގައި ވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އެއްވެސް މީހަކީ ގާނޫނުގެ މަތީގައިވާ މީހެއް ނޫން ކަމުން އެއްވެސް މީހަކަށް ދޭތެރޭ ޖަސްޓިސް ޑިޕާޓްމެންޓުން ތަފާތު ގޮތަކަށް އަމަލު ނުކުރާނެ،" އޮބާމާ ވިދާޅުވި އެވެ.

އެފްބީއައި މައްސަލަ ތަހުގީގު ކުރަމުންދާ އިރު ހިލަރީ ވަނީ އެމައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ދައުވާ ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އަމިއްލަ އެކައުންޓުން ފޮނުވި މެއިލްތަކުގެ ތެރޭގައި އޭރު ސިއްރު މައުލޫމާތުގެ ގޮތުގައި ކަނޑައަޅާފައިވާ މައުލޫމާތު ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ހިޔާލު ހޯދާ ވޯޓުތަކުން ދެއްކި ގޮތުގައި އެ މައްސަލައިގެ ސަބަބުން ހިލަރީއަކީ "އިތުބާރު ކުރެވޭ" ވެރިއެއް ކަމަށް ގަބޫލު ކުރާ އެމެރިކާ ރައްޔިތުންގެ އަދަދު ވަނީ މަދުވެފަ އެވެ. (ވޮޝިންޓަން ޓައިމްސް)