ތުރުކީގެ ވެރިރަށް އިސްޓަމްބުލްގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސްވެރިންގެ ބައްދަލުވުމަކަށް ރައީސްގެ ހާއްސަ ބަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

ތުރުކީގައި މިމަހުގެ 14 އިން 15 އަށް ބާއްވާ 13 ވަނަ އޯއައިސީ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް ލިބިވަޑައިގަތް ދައުވަތުގެ ބަދަލުގައި އިސްލާމިކް މިނިސްޓަރު ތުރުކީއަށް ފުރާވަޑައިގަނެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދާއި މިނިސްޓަރުގެ އެޑްވައިޒަރު މުހައްމަދު ރަޝީދު އިބްރާހިމް ބައިވެރިވެވަޑައިގަންނަވަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްނެންގެވުމަކަށް ބާއްވަވާ އެ ސަމިޓުގައި 30 ގައުމަކާއި ސަރުކާރެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މުހިއްމު ނިންމުންތަކެއް ނިންމާ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވާނެ ކަމަށެވެ.