11 Apr 2016, 10:05
ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޖޮސެފިން އޮޖިއަމްބޯ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާ ބައްދަލުކުރައްވައިފި އެވެ.
އިއްޔެ ހަވީރު ޕީޖީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، އެޓާނީ ޖެނެރަލް އޮފީހުން އެކުލަވާލަމުން ގެންދާ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ ބައެއް ގާނޫނުތަކާ ގުޅޭ ގޮތުންނާއި ކޮމަންވެލްތުގެ ފަންނީ ބޭފުޅެއްގެ އެހީތެރިކަން ރާއްޖެއަށް ދެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝަވަރާ ކުރެއްވި އެވެ.
ހަމައެއާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އެކުލަވާލާފައިވާ، ޕީޖީ އޮފީހުގެ ސުޓްރެޓެޖިކު ޕްލޭން އާ ގުޅޭ ގޮތުންނާއި އެ ޕްލޭންގައިވާ ބައެއް މުހިއްމު ކަންތައްތަކާ ގުޅޭ މައުލޫމާތު ޕީޖީ ބިޝާމް ވަނީ ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަށް އަރުވައިފަ އެވެ.
ހަމައެހެންމެ، އެ ސުޓްރެޓެޖިކު ޕްލޭން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅޭ ގޮތުންނާއި ޕީޖީ އިން ތަމްރީނު ކުރުމަށް ކޮމަންވެލްތުން ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އިއްޔެ އެ ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށް ފަހު ޕީޖީ ބިޝާމް ވަނީ އެ އޮފީހުގެ ސްޓްރެޓެޖިކު ޕްލޭންގެ ކޮޕީއެއް ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަށް އަރުވައިފަ އެވެ.