ނިދަން އުނދަގޫވެ، ހަމަނިދި ނުލިބޭ ނަމަ ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ބުރޫ އަރާނެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. އަދި އެކަމަށް އޮތް ހައްލަކީ "ސްލީޕިންގް ޕިލްސް" ނުވަތަ ނިދާ ބޭސް ކަމަށް ދެކޭ މީހުން ވެސް ވަކި މަދެއް ނޫނެވެ.

ތެދެކެވެ. ނިދާ ބޭސް ކެއުމުން އެކަމަށް ވަގުތީ ހައްލެއް ލިބިދާނެ އެވެ؟ އެކަމަކު އޭގެ ސަބަބުން ދެން އުފުލަން ޖެހޭ ތަކުލީފުތައް ވެސް ވަކި ކުޑައެއް ނުވާނެ އެވެ. ނިދި ހަމަވުމާ އެކު ދެން އުޅެން ޖެހޭނީ ނިދާ ބޭހުގެ ސައިޑް އިފެކްޓުތަކަށް ފަރުވާ ހޯދާށެވެ.

އެހެންކަމުން ނިދަން އުނދަގޫވާ މައްސަލައަށް ހައްލެއް ހޯދުމަށް ނިދާ ބޭސް ނޫން އެހެން އެއްޗެއް ބޭނުން ކުރުން މުހިއްމެވެ. އެގޮތުން، ގޭގެ ބަދިގެއިން ފަސޭހަ ކަމާ އެކު ލިބެން ހުންނަ، ސިއްހަތަށް ފައިދާ ހުރި އެފަދަ ބައެއް ބާވަތްތަކަށް ބަލާލާނަމެވެ.

ކިރު ތައްޓެއް:

ކިރު ތަށި ---

އަރާމު ނިންޖެއް ބޭނުންވާ ނަމަ، ނިދަން އޮށޯތުމުގެ ކުރިން ކިރުތައްޓެއް ބޯލާށެވެ. ކިރުގައި ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވެ އެވެ. ކެލްސިއަމް އަކީ ހަށިގަނޑުގެ މަސްތައް ރިލެކްސް ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ޗީޒް:

ޗީޒް ---

ޗީޒްގައި ވެސް ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވެ އެވެ. އޭގެ ސަބަބުން ބޯހާސްކަން ފިލުވާލާ ހަށިގަނޑުގެ މަސަތައް ރިލެކްސް ކުރުވަ އެވެ. ހަމައެއާ އެކު، ނިދުމާއި ހޭލުމާ ގުޅިފައިވާ "މެލަޓޮނިން" ހޯމޯން ރެގިއުލޭޓު ކުރުމަށް ވެސް ޗީޒް އެހީތެރިވެދެ އެވެ.

އާމަންޑު:

އާމަންޑު ---

ސިއްހަތަށް އެތައް ފައިދާތަކެއް ލިއްބައިދޭ އާމަންޑުގައި ގިނަ އަދަދަކަށް މެގްނީސިއަމް އެކުލެވެ އެވެ. މެގްނީސިއަމް އަކީ ރިލެކްސްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ދޮންކެޔޮ:

ދޮންކެޔޮ ---

ދޮންކޭލަކީ ޕޮޓޭސިއަމް އާއި މެގްނީސިއަމް އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ރިލެކްސް ކޮށް ނިދަން ފަސޭހަ ކޮށްދޭނެ އެވެ. ހަމައެއާ އެކު ދޮންކޭލުގައި "ޓްރިޕްޓޯފަން" ކިޔާ މާއްދާއެއް ވެސް އެކުލެވެ އެވެ. އެ މާއްދާ އަކީ ވެސް ނިދަން ފަސޭހަ ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ އެއް ގަޑި އިރު ނުވަތަ ދެ ގަޑިއިރު ކުރިން ދޮންކެޔޮ ކާށެވެ.