11 Apr 2016, 09:25
ސަންއާ (އޭޕްރިލް 11): ޔޫއެން މެދުވެރިވެގެން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އިސްވެ އޮންނަ ޔަމަނުގެ ސަރުކާރު ކޯލިޝަން އާއި ހޫޘީން ހަމަލާ ބަދަލު ކުރުންތައް މެދުކަނޑާލަން އެއްބަސްވެއްޖެ އެވެ.
ޔަަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން އާއްމު ކުރި ބަޔާނެއްގައި އެކޯލިޝަނުން ވަނީ "ހަމަލާބަދަލު ކުރުން މެދުކަނޑާލުމަށް ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމު ކުރާނެ" ކަމަށާއި ނަމަވެސް "އިދިކޮޅު ފަރާތްތަކުން ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގު އޮންނާނެ" ކަމަށް ބުނެފަ އެވެ.
އީރާނުން ވާގިވެރިވާ އަދި ޔަމަނުގައި މިހާރު އޮތް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ހޫޘީން ވެސް ވަނީ ހަމަލާތައް މެދުކަނޑާލި ނަމަވެސް އިދިކޮޅު ފަރާތްތަކުންދޭ ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.
އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު ގައުމުކަމަށްވާ ޔަމަނުގައި ރޭ ހަމަލާ ބަދަލު ކުރުންތައް މެދުކަނޑާލާފައި ވަނީ އޭޕްރިލް 18 ވަނަ ދުވަހު ކުވެއިތުގައި އޮތް ސުލްހައިގެ ވާހަކަތަކާ ދިމާކޮށެވެ. ގާތްގަނޑަކަށް އަހަރެއް ވަންދެން ކުރިއަށް ގޮސްފައިވާ ޔަމަނު ހަނގުރާމައިގެ ސަބަބުން 6000 އަށް ވުރެ ގިނަ މީހުން މަރުވެ، ދެމިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. (އަލްޖަޒީރާ)