ޑިސްނީގެ ލައިވް އެޑްވެންޗާއެއް ކަމަށްވާ "ދަ ޖަންގަލް ބުކް"އަށް ދެ ދުވަސް ތެރޭ 23.60 ކުރޯޑު ރުޕީސް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒު ކުރި އެ ފިލްމަށް އެ ދުވަހު 10.09 ކުރޯޑު ރުޕީސް ލިބުނު އިރު ހޮނިހިރު ދުވަހު އެ ފިލްމަށް ލިބިފައި ވަނީ 13.51 ކުރޯޑު ރުޕީސް އެވެ.

ކުރިއަށް އޮތް ތާނގައި އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ވެސް އެ ފިލްމު ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ޖަންގަލީގެ ޖަނަވާރުންނާއެކު ދިރިއުޅޭ ކުޑަ ފިރިހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭ އެ ފިލްމު ޑައިރެކްޓު ކުރީ އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ފިލްމު އުފައްދާ ޖޯން ފެވްރޫ އެވެ.

އެ ފިލްމުގައި ޖަންގަލީގައި ދިރިއުޅޭ "މޯގްލީ"ގެ ރޯލު އަދާ ކުރަނީ ނީލް ސެތީ ކިޔާ ކުއްޖެކެވެ. ސެތީ އެ ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތަރުހީބު އޭނާ އަށް އަންނަނީ ލިބެމުންނެވެ.

"ދަ ޖަންގަލް ބުކް" އަކީ ރާއްޖެ އާއި އިންޑިއާގެ ވެސް ގިނަ ކުޑަކުދިންތަކެއްގެ މެދުގައި ޒަމާނުއްސުރެ މަގުބޫލު ވާހަކަ އެކެވެ.