11 Apr 2016, 11:18
ނިއުދިއްލީން: އަހުމަދު ސާއިލް އަލީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސަވަރާޖު އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލު ކުރައްވައިފި އެވެ.
އެބައްދަލު ކުރެއްވުން އޮތީ އިންޑިއާ ގަޑިން މިއަދު 10:30 އެހާކަންހާއިރު ނިއުދިއްލީގެ ލީލާ ޕެލަސްގަ އެވެ.

ބައްދަލުވުމުގެ ތަފްސީލެއް ދެ ގައުމުގެ ސަރުކާރަކުން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރާ ވެސް ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ބައްދަލުވުންތަކުގައި އާދައިގެމަތިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްބެލެވެ އެވެ. ހަމައެއާ އެކު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.