11 Apr 2016, 01:23
ސިއްހީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހެލްތު މިނިސްޓްރީން ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށްދޭން ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި، ސިއްހީ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހު ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ތައާރަފްކުރި އެ އެވޯޑް 17 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ.
އެ ބޭފެޅުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ، ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.
މިރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީން ވަނީ ކޮންމެ އަހަރެއްގެ ވެސް ސިއްހަތު ދުވަހާ ގުޅުވައިގެން ސިއްހީ ދާއިރާއިން ދެމުން އަންނަ އެންމެ އަގުހުރި އެވޯޑް،ހެލްތް އެވޯޑްވެސް ދީފައެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް ތަފާތު ގޮތްގޮތަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް މީގެ ތިން އަހަރު ކުރިން ފެށިގެން ދޭން ފަށާފައިވާ އެ އެވޯޑް ދެމުން އަންނަނީ ތިން ދާއިރާއަކުންނެވެ.
އެއީ އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ހިދުމަތްދޭ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒަށްދޭ އެވޯޑާއި ފާހަގަކޮށްލެވޭ ސިއްހީ ހިދުމަތްތަކެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށްދޭ އެވޯޑުގެ އިތުރުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް އަދި ސިއްހީ މަރުކަޒަކަށްދޭ އެވޯޑެވެ.
މީގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ސިއްހީ ހިދުމަތްތައް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރުމަށް ހާއްސަ އެވޯޑެއް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހެލްތް މިނިސްޓަރު އިއުލާންކުރައްވާފައެވެ.
ނަމަވެސް އަމިއްލަ އަށް އެދިގެން ހާއްސަ އިވަލުއޭޓިން ކޮމެޓީ އަކުން ފާސްކުރުމަށްފަހު ދޭ އެ އެވޯޑް މިއަހަރު ލިބިފައިވަނީ، ފާހަގަކޮށްލެވޭ ސިއްހީ ހިދުމަތްތަކެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކުގެ ދާއިރާއިން އެންމެ ފަރާތަކަށެވެ.
އެ އެވޯޑް މިއަހަރު ލިބިފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެންސް (އާކު) އަށެވެ.
އާކް އަށް އެ އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އަދި އާކްގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ، އާކްގެ މެނޭޖިން ޑިރެކްޓަރު ހައުލާ އިބްރާހިމެވެ.