11 Apr 2016, 13:58
ހޭންޑްބޯލް މޯލްޑިވްސްއިން ހދ. ކުޅުދުއްފުށީގައި ބޭއްވި ހޭންޑްބޯލް ކޯޗިން ކޯސް ނިންމާލައިފި އެވެ.
ކުޅުދުއްފުށީގައި ބޭއްވި ހޭންޑްބޯލް ކޯޗިން ކޯސް ނިންމާލުމުގެ ގޮތުން އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ކޯހުގައި ބައިވެރިވެ، އަދި ކޯހުން ފާސްވި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ އަފީފުއްދީނު ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ހޭންޑްބޯލް ޓީމުގެ ބަންގްލަދޭޝް ކޯޗު މުހައްމަދު އަމްޒާދު ހޮސައިން އެވެ.
އެ ރަށުގައި ކުރިއަށްދިޔަ ކޯޗިން ކޯހުގައި 35 ފަރާތަކުން ބައިވެރިވި އެވެ. އެއީ ފިރިހެން 23 ބައިވެރިންނާއި އަންހެން 12 ބައިވެރިންނެވެ. އޭގެ ތެރެއިން ކޯހުން ފާސްވެފައިވަނީ 31 ބައިވެރިންނެވެ.
ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލް ބައި ވަކިން ކިޔަވައިދިންއިރު، ކޯހުން ފާސްވަނީ 75 އިންސައްތަ މަތިން، ހޯދާ ބައިވެރިންނެވެ. މި ކޯހުގައި ކިޔަވައިދިނީ ގައުމީ ކޯޗު އަމްޒާދު އެވެ.