އަތޮޅުތެރެއިންދޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިދިޔަ އަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން 741 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ރަސްމީކޮށްފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތަކުގެ ތެރޭގައި ހުރި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މިޒަމާނުގެ ސިއްހީ ވަސީލަތްތައް ފޯރުކޮށްދެވި، ހިދުމަތް ރަނގަޅުކުރުމަށްޓަކައި އަތޮޅުތަކަށް ބާރު އަޅާފައިވާނެ ކަމަށެވެ.

"މިދިޔަ އަހަރު އެކަނި 741 މިލިއަން އަށްވުރެއް ގިނަ ރުފިޔާ މިވަނީ ސަރުކާރުގެ ބަޖެޓުން އަތޮޅުތަކަށް މިޒަމާނުގެ މެޝަނަރީ އަދި ބޭސްފަރުވާ އަދި ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެވިފައި،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ސިއްހީ ސިޔާސަތުގެ ދަށުން ގިނަ ލަނޑުދަޑިތަކެއް ސަރުކާރުން ހާސިލްކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ އާ އުސްމިންތަކަށް ގެންގޮސް އާ ހިދުމަތްތަކެއް ތައާރަފްކުރެވި ދެމުންދާ ހިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން، 2013 ވަނަ އަހަރު ކިޑްނީ ފެއިލްވާ މީހުންނަށް ފަރުވާދޭން ފަށާފައިވާއިރު، އަތޮޅު ހޮސްޕިޓަލްތަކާއި އާބާދީ ބޮޑު ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ޑައިލަސިސްގެ ހިދުމަތްދޭ އެނދު އަދަދު 16 އެނދުން 35 އެނދަށް އިތުރުކޮށް، ރާއްޖޭގެ ތަފާތު ފަސް ސަރަހައްދެއްގައި ޑައިލަސިސްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމަށް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތައް ވެސް މިނިސްޓަރު ވަނީ މިރޭގެ ޖަލްސާގައި ފާހަގަކުރައްވާފައެވެ.

އެގޮތުން މިދިޔަ އަހަރު 39 ދިވެހި ސިއްހީ ހިދުމަތްތެރިން ތަމްރީނަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، 21 ސްޕެޝަލިސްޓުންނާއި ޑޮކްޓަރުން ސިއްހީ ދާއިރާއިން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން ތަފާތު ސްކޮލޮޝިޕްތަކުގައި ރާއްޖޭއިން ބޭރުގައި މިހާރުވެސް 24 ޑޮކްޓަރުން އެމްބީބީއެސް ހަދަމުންގެންދާއިރު މަތީ ތައުލީމު ހާސިލްކުރުމަށް ނުވަ ސްޕެޝަލިސްޓުން މިމަހުގެ ތެރޭގައި ނޭޕާލަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވި ގޮތުގައި، ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަމުންދާ ހިތްފަސޭހަ މައިދާންތަކުގެ މަގްސަދަކީ ހަކުރުބަލި ފަދަ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށް ދުރާލާ ރާވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކެކެވެ.

ނަމަވެސް ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި ހަކުރު ބައްޔަށް މަގުފަހިވާ ކަންކަން އިތުރުވެގެންދާ ކަމަށާއި އެ ވަބާގައި އެންމެ ގިނައިން ޖެހެމުންދަނީ ޒުވާނުންނާއި ކުޑަކުދިން ކަމަށް މިނިސްޓަރު ފާހަގަކުރެވި އެވެ.