10 Apr 2016, 23:46
އޭޝިއާ ބައްރުގެ އިތުރުން މުޅި ދުނިޔެއަށް ބެލި ނަމަވެސް، ދައުލަތެއްގެ ބަޖެޓުން ވެކްސިން ގަންނަ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި ސަރަހައްދީ ފެންވަރުގައި، ހަލުވި އަދި ހަރުދަނާ ކާމިޔާބީތަކެއް ރާއްޖެއަށް ހާސިލްކުރެވިފައިވާ ކަމަށެވެ.
އެގޮތުން، 1970 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންނާއި މައިންގެ އަދަދު އެންމެ ގިނަ ގައުމަކީ ރާއްޖެ ކަމަށާއި ނަމަވެސް މިއަދު ވިހެއުމުގެ ތެރޭގައި މައިން މަރުވާ ރޭޓު އަދި ތުއްތުކުދިން މަރުވާ ރޭޓް އެންމެ ދަށް އެއް ގައުމަކީ ރާއްޖެއަށް ވުމަކީ ލިބިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ޅަފަތުގެ އަދި އެންމެ ތުއްތު ކުދިންނަށް ވެކްސިން ދިނުމުގެ ރޭޓަށް ބަލާއިރު ވެސް ރާއްޖެއިން 99 ޕަސެންޓް ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
"ހުރިހާ ސްޓެޓިސްޓިކަށް މި ސަރަހައްދުގަ ވެސް އަދި ދުނިޔޭގައި ވެސް ބަލާ ބެލުމަށް ދިވެހިރާއްޖެ މިވަނީ ދައުލަތުގެ ބަޖެޓުން ވެކްސިން ގަންނަ ހަމައެކަނި ސަރުކާރު ކަމުގައި ފާހަގަކުރެވިފައި،" މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
ރާއްޖެއިން ހޯދާފައިވާ އިތުރު ކާމިޔާބީތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ ނައްތާލެވިފައިވާ ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންދޭ ސަނަދު ހާސިލްކޮށްފައިވަ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ މަގާމް އަންނަ ޖޫން މަހުގެ ތެރޭގައި ރާއްޖެއިން ހާސިލްކުރާނެ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.