10 Apr 2016, 23:21
ސޯސަންމަގުން ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި 43 އަހަރުގެ އަންހެނަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 22:10 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ 18 އަހަރުނުވާ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލަކުން އަންހެން މީހާ ގައިގައި ޖެހިގެން ކަމަށެވެ. އަދި އެ އަންހެންމީހާ މިހާރު އޭޑީކޭއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިރޭގެ އެކްސިޑެންޓްގައި އަނިޔާވި އުމުރުން 43 އަހަރުގެ އަންހެންމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސަށް އަރުވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ސޯސަންމަގު އޮފްދާރު ފިހާރަ ކުރިމަތިންހިނގި އެ އެކްސިޑެންޓުގައި އަންހެން މީހާގެ އަތަށް ގެއްލުން ލިބުނުކަމަށް މަންޒަރުދުއް މީހަކު 'ސަން' އަށް ބުންޏެވެ. ނަމަވެސް އޭޑީކޭއިން ފޯނު ނުނަގާތީ އަންހެންމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަން އިން 18 އަހަރުދަށުގެ ކުއްޖާ މިހާރު ހުރީ ފެމިލީ އެންޑް ޗައިލްޑް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.