03 May 2011, 20:39
ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ ޒުވާނުންގެ ނަމުގައި ކުރިއަށް ގެންދަނީ މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ މާރާމާރީތަކެއް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއަދު ހަވީރު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ ޒުވާނުންގެ ނަމުގައި ކުރަމުންދާ މުޒާހަރާގައި ތިން ރޭ މަތިން މާރާމާރީތައް ހިންގައި އާންމު ރައްޔިތުންގެ މުދާތަކަށް ގެއްލުންދީފައިވާ ކަމަށެވެ. އެކަމަކު މިރޭ އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި މާރާމާރީތަކާއި މީސްމީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ނާޅާ ނޯންނާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
"އަނެއް ބައެއްގެ ހައްގުތައް ގެއްލި އޭނައަށް ގޭގައި ނޫޅެވޭ ހިސާބުން ގޭގޭގައި ކުޑަކުދިންނާއި މުސްކުޅިންނަށް ނުތިބެވޭ ހިސާބުން މިދަންނަވާހެން މީހުންގެ ފުރާނައަށް ނުރައްކާތަކެއްވާއިރު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައެއް އަޅުގަނޑުމެން މި ސަރުކާރަކުން ނޯންނާނެ،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ގާނޫނީ އަސާސީން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ކަމަށެވެ. އެކަމަކު އެއްވެ އުޅުމުގެ ގަވާއިދުގެ ދަށުން އެކަމަށް އިމެއް ކަނޑައެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ރޭގަނޑު 10 ގެ ފަހުން އާންމު ތަންތަނުގައި އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށް ވެސް ނައީމް ފާހަގަ ކުރެއްވި އެވެ.
ހަމަނުޖެހުން ހިންގަނީ މުޒާހަރާ ކުރާ މީހުން ނޫން ކަމަށާއި އެއީ ބަޔަކު ގަސްދުގައި މުޒާހަރާ ރޫޅާލުމަށް ކުރަމުންދާ ކަމެއް ކަމަށް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނާތީ އެކަމަށް ރައްދު ދެއްވަމުން ނައީމް ވިދާޅުވީ، މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ކޮންމެ ބަހަކީ ތެދު ނޫން ކަމަށާއި ހަމަނުޖެހުން ހިންގަނީ ކޮން ބައެއްކަން ވަރަށް ސާފު ކަމަށެވެ.
"އެއްގޮތަކަށް ވެސް ބޭރުން ބަޔަކުން އައިސް ކުރާ ކަމެއް ނޫން އެއީކީ [ހަމަނުޖެހުން ހިންގުމަކީ] ހަމަ އެ ކްރައުޑުގެ ތެރެއިން މޫނު މަތީގައި އެއްޗެހި އަޅާފައި ތިބި މީހުން ވެސް ބިންމަތީގައި އޮށޯވެގެން ތިބިތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އެހެންވީމަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބޭރުން ބަޔަކު އައިސް ވަކި އިތުރު ކަންތައްތަކެއް ހިނގަނީ ކަމަކަށް،" ނައީމް ވިދާޅުވި އެވެ. "އެހެންނަމަވެސް ލާރިދީގެން ގެނެވޭ ވަކި ބަޔަކު ވަކި ކަހަލަ ފަސާދައެއް ހިންގާކަން ވަރަށް ސާފުކޮށް އެބަ އިނގޭ."
މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ ރައްޔިތުންނަށް ކަށަވަރުކޮށްދޭ ސަލާމާތްތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖެހިލުންނުވާނެ ކަމަށެވެ.