ގާހިރާ (އެޕްރީލް 10): އަރަބި ގުޅިފައިވާ ބާރެއް އުފެއްދުމަށް މިސްރާއި ސައޫދީ އަރަބިޔާއިން އެއްބަސްވެއްޖެކަން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ހާމަކުރައްވައިފި އެވެ.

މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިސްރުގެ ޕާލަމެންޓް ކަމަށްވާ "މަޖްލިސުއްޝަޢަބު" ގައި ތަގްރީރު ކުރައްވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ، ގުޅިފައިވާ އަރަބި ބާރެއް އުފައްދަނީ އަރަބި ގައުމުތަކުގެ ގައުމީ މަސްލަހަތު ރައްކާތެރިކޮށް ބޭރުގެ ބާރުތަކުގެ ނުރައްކަލުން އަރަބި ގައުމުތައް ސަލާމަތް ކުރުމަށާއި ޓެރަރިޒަމްގެ ހަރުކަށި އަމަލުތަކާ ހަނގުރާމަ ކުރުމަށެވެ. އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ އާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ޝިކާރައަކަށްވަނީ ޚުދު އަރަބި ގައުމުތަކާއި ކުށެއްނެތް އަރަބި ރައްޔިތުންކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނު އަރަބި ގައުމުތަކަށް ގޮވައިލެއްވީ އަރަބި މިބާރުގައި ބައިވެރިވުމަށެވެ. އަރަބި ގުޅިފައިވާ ބާރެއް އުފެއްދުމަށް މިސްރާއި ސައޫދީ އަރަބިޔާ މީގެކުރިންވެސް އެއްބަސްވެފައިވެއެވެ. އެއީ މިސްރުގެ ޝަރްމުއްޝައިޚް ގައި މިދިޔަ އަހަރުގެ މާރިޗްގައި ބޭއްވި އަރަބި ސަމިޓް ގައެވެ. ނަމަވެސް އެކަމަށް އަމަލީ ސިފަ އައިސްފައެއް ނުވެއެވެ. 2011 ގެ އަރަބި ރަބީއަށްފަހު އަރަބި އެތަށް ގައުމެއްވަނީ ވަރުގަދަ ލޭ އޮހޮރުވުންތަކަކާއި ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިގެން ގޮސްފައެވެ. މިގޮތުން ސޫރިޔާ އާއި ޔަމަން، ދާޚިލީ ހަނގުރާމައެއްގައި ފަނާވަމުންދާއިރު ލީބިޔާވެސް ވަނީ މިފަދަ ޙާލަތެއްގައެވެ. އަދި ތޫނިސްއާއި މިސްރުގައިވެސްވަނީ ބޮންގޮއްވުންފަދަ ހަރުކަށި އަމަލުތައް އާންމު ވެފައެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ބައެއް އަރަބި ގައުމުތައްވަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ހޫޘީޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ޔަމަން ދިޔުން ހުއްޓުވާފައެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަނުމަށް މިސްރު ވަނީ ދެކޮޅު ހަދާފައެވެ. އަރަބި އެލަޔަންސްގެ ބޮމުގެ ހަމަލާތަކުގައި ޔަމަންގެ އެތަށް ހާސްބަޔަކު މަރުވެ ޔަމަންގެ ބޮޑުބައެއްވަނީ ސުންނާފަތި ވެފައެވެ. ސޫރިޔާއަށް ބަލާއިރު އެގައުމުގައި ދާޚިލީ ހަނގުރާމަ ފެށިފައިވަނީ އެގައުމުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ގަލްފުގެ ބައެއް އަރަބި ގައުމުތަކުންނާއި އެމެރިކާއާއި ޔޫރަޕުން ހަތިޔާރުދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ސޫރިޔާގެ މައްސަލައިގައި މިސްރު ގެންގުޅެނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމާ އިދިކޮޅު ސިޔާސަތެކެވެ. ނަމަވެސް ގަލްފުގެ ގައުމުތަކުން ގެންގުޅެނީ ބާރުގެ ބޭނުންކޮށްގެންވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ސިޔާސަތެކެވެ. ސައޫދީ ރަސްގެފާނު މިސްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ދެގައުމުންވަނީ 20 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އަދި މިސްރުގައި އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯން ދިނުމަށްޓަކައި ސައޫދީ އަރަބިޔާއާއި މިސްރު ގުޅިގެންވަނީ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއްވެސް އުފައްދާފައެވެ. (އަލްޖަޒީރާ)