މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް، ދުބާއީގައި ހުންނަ ބުރުޖު ޚަލީފާ އަށްވުރެ ވެސް އުސް އިމާރާތެއް ދުބާއީގައި އެޅުމުގެ ޕްލޭނެއް އެކުވެރި އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ އިމާރު ޕްރޮޕެޓީސް އިން ގެންގުޅޭ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެ އިމާރާތަށް ޖުމްލަ އެއް ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ އިރު، ބުރުޖު ޚަލީފާ އަށްވުރެ އެ ބުރިޖު އުސްވާނީ ކުޑަ ތަންކޮޅެއް ކަމަށް، އެ ޕްރޮޖެކްޓުގެ މައުލޫމާތު ރިޕޯޓަރުންނަށް ދެމުން އިމާރުގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވި އެވެ.

އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ އިމާރު ޕްރޮޕެޓީސް ގެ ފަރާތުން ދުބާއީގައި އިމާރާތްކުރަން ނިންމާފައިވާ އިމާރާތުގެ ފަރުމާއެއް ---

ނަމަވެސް، އިމާރާތުގެ ޖުމްލަ އުސްމިން ބުނަން އެނގޭނީ އިމާރާތް އެއްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އިމާރާތް ނިންމުމަށް ވިސްނާފައި ވަނީ ދުބާއީގައި ވޯލްޑް އެކްސްޕޯ ޓްރޭޑިން ފެއާ ބާއްވާ، 2020 ވަނަ އަހަރު ދުބާއީ އަށްދޭ ހަދިޔާއެއްގެ ގޮތުން ކަމަށް ވެސް އަލައްބާރު ވިދާޅުވި އެވެ.

މުންނާރެއްގެ ބައްޓަމަށް ހަނިކޮށް ހަދާ އެ އިމާރާތް ފަރުމާކޮށްފައި ވަނީ، ސްޕެނިޝް ސްވިސް އާކިޓެކްޓެއް ކަމަށްވާ، ސެންޓިއާގޯ ކަލަޓްރާވާ ވާލްސް އެވެ. އަދި އެ އިމާރާތައް ދޭނެ ނަމެއް އަދި ނިންމާފައެއްނުވެ އެވެ.

އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ އިމާރު ޕްރޮޕެޓީސް ގެ ފަރާތުން ދުބާއީގައި އިމާރާތްކުރަން ނިންމާފައިވާ އިމާރާތުގެ އެތެރެ ހުންނާނެ ގޮތުގެ ނަމޫނާއެއް ---

އިމާރުގެ ޗެއާމަން ވިދާޅުވާ ގޮތުން، އެ އިމާރާތުގައި އޮބްޒަވޭޝަން ޑެކަކާއި ރެސްޓޯރެންޓާއި ބުޓިކް ހޮޓަލެއް ހިމެނޭ ގޮތަށް އެކި ބޭނުންތަކަށް 18 ނުވަތަ 20 ހިމެނޭނެ އެވެ. އަދި އިމާރާތުގެ ބޭރުން އެނބުރޭ ބެލްކަނިތަކެއް ވެސް ހިމެނޭނެ އެވެ.

ދިގު މިނުގައި 2700 ފޫޓު ހުންނަ ބުރިޖު ޚަލީފާ ހުޅުވާފައި ވަނީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އަދި އެ އިމާރާތް ހެދުމަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ބުރުޖު ޚަލީފާއާ ވާދަކުރުމަށް ސައުދީ އަރަބިއާގެ ކިންގްޑަމް ހޯލްޑިންގް އިން އަންނަނީ ބުރުޖު ޚަލީފާއަށް ވުރެ ކިލޯ މީޓަރެއް އުސްކޮށް ޖިއްދާގައި އިމާރާތެއް އިމާރާތްކުރަމުންނެވެ.

އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ އިމާރު ޕްރޮޕެޓީސް ގެ ފަރާތުން ދުބާއީގައި އިމާރާތްކުރަން ނިންމާފައިވާ އިމާރާތުގެ ފަރުމާއެއް ---