10 Apr 2016, 20:37
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ފިޔާޒުގެ މައްޗަށް ދައުވާކޮށްފައިވާކަން ޕީޖީ ބިޝާމް ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޕީޖީގެ އޮފިޝަލަކު ސަންއަށް މިރޭ ވިދާޅުވީ، ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީޖެހުމުގެ ދައުވާކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު އެއް އަހަރާއި ހަތްމަހަށް ޖަލަށް ލެވޭނެ އެވެ.
ނަމަވެސް އަދަބު ކަނޑައެޅުމުގައި ވިސްނަން ޖެހޭ ނުކުތާތަކަށް ބަލައި އަދި ޖެހުން އެދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ކޮން ނަމްބަރެއްގެ ދަށުން ކަމަށް ބަލައި އަދަބު ލުއިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާ - ޖެހުން
(ހ) މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުން
- އޭނާއަށް އެވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރުދެއްކުން
މުލީއާގެ ކައިރިން ގޮވާޒާތުގެ އެއްޗެއް ފެނިގެން އެ ނުގޮވާގޮތް ހެދުމަށް ދުވާ ޓްރެކް ސަރަހައްދަށް ގެންދިޔަ ދުވަހު ފުލުހުން ވަނީ އެސަރަހައްދުން ފިޔާޒު ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. ބެލެވޭ ގޮތުން ފިޔާޒުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމައްސަލައާ ގުޅިގެންނެވެ.
ފިޔާޒުގެ އިތުރުން ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް އަދި ލީވާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ އެވެ.
އެމައްސަލައާ ގުޅިގެން މައުލޫމާތު އެރުވުމަށް އެމީހުން ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް ފިޔާޒުއަށް އަދި އެއްވެސް ޗިޓެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.