10 Apr 2016, 18:49
ދެކުނު އެފްރިކާގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާ އެޑިޝަންގައި ރާއްޖެ ބައިވެރިވެ، ފެއާގެ އެންމެ ރީތި ސްޓޭންޑުގެ އެވޯޑް ދިވެހި ރާއްޖެއަށް ލިބިއްޖެ އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަނުން ބުނި ގޮތުގައި، ރާއްޖެއަށް ލިބިފައި ވަނީ ވޯލްޑް ޓްރެވަލް މާކެޓު އެފްރިކާ އެޑިޝަނުގައި އެންމެ މޮޅު ސްޓޭންޑު ނުވަތަ ސްޓޯލުގެ އެވޯޑެވެ. ރާއްޖެއިން އެ ފެއާގައި ހެދި ސްޓޯލަކީ ހަރަކާތްތެރި، އަދި ރާއްޖޭގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދިން ސްޓޯލެކެވެ.
ބެސްޓު ސްޓޭންޑު ޑިޒައިންގެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ އެމްއެމްޕީއާރުސީގެ ވަގުތީ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދެވެ.
މިއީ ރާއްޖެ ވޯލްޑް ޓްރެވަލް މާކެޓު އެފްރިކާގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެމްއެމްޕީއާރުސީއިން ބުނީ، މިއީ އެފްރިކާގެ އިންވެސްޓަރުންނާ އާ ވިޔަފާރިތަކަށް ރާއްޖެ ތައާރަފު ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، އެ ފެއާގައި ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް 2016" ކެމްޕޭނު ވަރަށް ފުޅާކޮށް ޕްރޮމޯޓު ކުރެވުނު ކަމަށެވެ.
އެފްރިކާ އަކީ މިހާރު ރާއްޖޭގައި ފުޅާވަމުން އަންނަ މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު އެފްރިކާ އިން ރާއްޖެއަށް 4،170 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 33.2 ޕަސެންޓު އިތުރު އަދަދެކެވެ.