10 Apr 2016, 17:40
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"ގައިވާ ޖިނާއީ އަދަބުގެ ބައިތައް މަދަނީ ބައިތަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފި އެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްސީން އެކުލަވާލި ޚާއްސަ ކޮމެޓީން ބަންޑާރަ ނައިބާ ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިލުގައިވާ ޖިނާއީ އަދަބުގެ ބައިތައް މަދަނީ ބައިތަކަށް ބަދަލުކުރުމުގެ އިތުރުން އެ ބިލަށް އެހެނިހެން ބަދަލުތަކެއް ވެސް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށެވެ.
ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަކީ ސީދާ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް އަނިލް ވިދާޅުވި އެވެ.
އަބުރާ ބެހިގެން ކުރާ ޖޫރިމަނާ އަކީ ފަސް މިލިއަން ކަމުގައި މިހާރު އެ ބިލުގައި އޮތަސް އެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.
މީޑިއާ ކައުންސިލް ކޮމެޓީގެ ފަރާތުން ބަންޑާރަ ނައިބާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި އަދި ގާނޫނު އަސާސީ އިން ކަށަަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާ ސިދާ ފުށު އަރާ ބިލެއް ކަމަށް ދެންނެވި ކަމަށް ކައުންސިލުން ބުންޏެވެ.
އަދި މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު އެކުލަވާލާފައިވާ، ބްރޯޑް ކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް ފަހު މީޑިއާގެ މީހުންގެ ގިނަ މީހުން ހިމެނޭ ގޮތަށް ރެގިއުލޭޓިން އޮނިގަނޑެއް އެކުލަވާލުމަށް ފެންނަ ކަމަށް ބަންޑާރަ ނައިބަށް ދެންނެވި އެވެ. އަދި އެކަމަށް ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ކައުންސިލުން ބުންޏެވެ.
އަބުރުގެ ބިލްގައިވާ ގޮތުން މީޑިއާ އިންސިޓިއުޝަނެއްގެ މަސްއޫލުވެރިޔަކު ބަންދުގައި ހުންނަތާ 15 ދުވަސް ވެއްޖެ ނަމަ އެމީޑިއާއެއް އުވާލެވޭނެ ކަމަށް ބިލްގައިވެ އެވެ. އަނިލް ވިދާޅުވީ އެފަދަ އަދި އެނޫނަސް މީޑިއާގެ ފަރާތްކަކުގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރައްވާނެ ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އަބުރުގެ ބިލްގައި ހުރި މީޑިއާ މީހުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މީޑިއާގެ ފަރާތްތަކާ ރަސްމީކޮށް ވާހަކަ ދައްކާނީ ހޯމް މިނިސްޓަރުބ އުމަރު ނަސީރު ކަމަށެވެ.
ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ޖަލަށްލާ މުއްދަތު ކުރު ކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް ވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން އަބުރާ ބެހުމާ ގުޅޭ ބައިތައް އަބުރާ ބެހޭ ގަވާއިދުގެ ތެރެއަށްލާން މީޑިއާ ކައުންސިލުން ހުށަހެޅުމުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި ކަމަށް އެ ކައުންސިލުން ބުންޏެވެ. ނަމަވެސް އެކަމަށް ވަކި ގާނޫނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު، މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެއީ ސިޔާސީ މީހުން ދައްކާ ވާހަކަތައް މީޑިއާގައި ރިޕޯޓު ކުރުމުން، ނޫސްވެރިން ކުށްވެރިވާ ގޮތަށް އެ ބިލް ބައްޓަންކޮށްފައިވުމުންނާއި ސިޔާސީ މީހުންނަށް ރައްކާތެރިކަން ލިބޭ ގޮތަށް އެ ބިލު ފަރުމާކޮށްފައިވުމުންނެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން އިސްލާމް ދީނާ ހިލާފަށް ހިޔާލު ފާޅުކުރުމުންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިޔާލު ފާޅުކުރުމުން ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން އަބުރާ ބެހުމުގެ މައްސަލައެއް ފާހަގަވެއްޖެނަމަ އެކަން ހުށަހަޅަންޖެހޭނީ ފުލުހުންނަށް ކަމަށާއި ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވަންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން އަބުރާ ބެހުމުގެ މައްސަލަތަކަކީ މަދަނީ ދައުވާއަކަށްވުމުން އެފަދަ ކަންކަމުގައި ދައުވާ ކުރަންޖެހޭނީ އަމިއްލަ ހައިސިއްޔަތުން ސިލިވް ކޯޓުގަ އެވެ. ނަމަވެސް މިހާރު ބިލު އޮތް ގޮތުން އެފަދަ މައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނީ ފުލުހުންނެވެ.