10 Apr 2016, 18:58
ކުވޭތުގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ދެ ދަރިވަރުންނާ އިސްލާމިކް މިނިސްޓަރު މިއަދު ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޚާއްސަ މެސެޖެއް ހިއްސާ ކޮށްފި އެވެ.
ކުވޭތުގައި ބާއްވާ ގުރުއާން މުބާރާތުގައި ދިވެހި ރާއްޖެއިން ބައިވެރިވާ ދެ ދަރިވަރުންނަކީ އަރަބިއްޔާގައި ތައުލީމު ހާސިލުކުރަމުންދާ މުހައްމަދު ނަބީހު ރާޝިދާއި، ސުލްތާން މުހައްމަދު ލަތީފެވެ. ދެ ބައިވެރިންނަކީ ވެސް އަރަބިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ، އުމުރުން 15 އަހަރުގެ ދެ ދަރިވަރުންނެވެ. ނަބީހު މި މުބާރާތުގައި ބައިވެރިވަނީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. އަދި ސުލްޠާން ބައިވެރިވަނީ ނުބަލައި ކިޔެވުމުގެ ގޮފިންނެވެ.
މި ދަރިވަރުންނަށް ރައީސް ޔާމީން ދެއްވި މެސެޖުގައި ވަނީ، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ގެނައުމަށް ހިތްވަރު ދެއްވައިފަ އެވެ. އަދި ރާއްޖެ ތަމްސީލު ކުރުމަށް ލިބޭ މިފަދަ ފުރުސަރުތަކުގައި ދުނިޔޭގެ ކޮންމެ ހިސާބަކަށް ދިޔަޔަސް ގިނަގިނައިން މާތްﷲ ހަނދުމަކުރުމަށާއި، ރިވެތި އާދަތައް ދަމަހައްޓައި، ގައުމަށް ރީތި ނަން ހޯދުމަށް ރައީސް ނަސޭހަތްތެރިވި އެވެ.
ދެ ބައިވެރިންގެ ވެސް މުޤައްރަރަކީ މުޅި ޤުރުއާން އެކީއެވެ. އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާއާއި ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް އަލީ ވަޙީދު ބައިވެރިވެޑައިގެންނެވިއެވެ.
އިބްރާހީމް ރަޝީދު މޫސާގެ ވާހަކަފުޅުގައި މި ދެބައިވެރިންނަށް މަރުހަބާ ވިދާޅުވެ މަޚްރަޖުން ރީތިކޮށް މުބާރާތުގެ ގަވާއިދުތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
މުބާރާތުގައި ވާދަ ކުރުމަށް ދެބައިވެރިން މާދަމާ ކުވޭތަށް ފުރާނެއެވެ. މިއީ މިމުބާރާތުގައި ރާއްޖެ ބައިވެރިވާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މުބާރާތުގައި ރާއްޖެ ތަމްސީލް ކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ.