ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުންނަށް ދައުވާ އަށް ޖަވާބުދާރީވާން އިތުރު ފުރުސަތު ދީފި އެވެ.

އަދީބާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒުގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހްމަދު ރަޝީދު ވިދާޅުވީ އެ ކޯޓުން އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން މައްސަލަ ތާވަލްކޮށްފައި އޮންނަ ދުވަހުގެ ދެ ދުވަސް ކުރިން ދައުވާ ލިބޭ ފަރާތުން އައްޔަން ކުރާ ގާނޫނީ ވަކީލުން ކޯޓަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. ނަމަވެސް ގާނޫނީ ވަކީލުން ކޯޓަށް ފޯމު ހުށަހެޅީ އެ މުއްދަތުގެ ފަހުން ކަމަށާއި އެހެންކަމުން ކޯޓުގެ އިދާރީ ކަންތައް ފުރިހަމަ ނުކުރެވޭތީ މިއަދުގެ ޝަރީއަތަށް ހާޒިރުވާން ވަކީލުންނަށް އަންގާފައިނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދީބާއި އާމިރު އަދި ރިކާޒު ވެސް ބުނީ ދައުވާ އަށް ޖަވާބުދާރީވާނީ ވަކީލުންގެ އެހީތެރިކަމާ އެކު ކަމަށެވެ. އެހެންކަމުން ގާޒީ އަހްމަދު ރަޝީދު ވިދާޅުވީ މިއަދު މައްސަލަ އިތުރަށް ކުރިއަށް ނުގެންދަވާނެ ކަމަށާއި ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ހެކި ހުށަހެޅުމަށް ދައުލަތަށާއި ދައުވާ ލިބޭ މީހުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީ ހަރުކުރުމަށް އަދީބު އެ ލޯންޗުކޮޅަށް އެރި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާގެ ޝަރީއަތް ވެސް މިއަދު ވަނީ އިތުރަށް ކުރިއަށް ނުގެންގޮސް މިމަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އަދީބާއި އާމިރު އަދި ރިކާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެ ތިން މީހުން ބައިވެރިވެގެން އައިއީޑީ އެއް ހަރުކޮށްފައިވާ ކަމަށެވެ. އަދި ޖެހިގެން އައި 28 ވަނަ ދުވަހުގެ ހެނދުނު 8:00 އެހައިކަންހާއިރު ރިޔާސީ ލޯންޗުކޮޅު މާލޭގެ އިއްޒުންދީން ފާލަމާ ގާތް ކުރި ވަގުތު ލޯންޗުކޮޅުގައި ހަރުކޮށްފައިވާ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅުން ދަތުރު ކުރި އެކި ފަރާތްތަކަށް އަނިޔާވެފައިވާއިރު ލޯންޗުކޮޅަށް ގެއްލުންވެފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ގެ ދެ ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ، އެގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.