ބޮލީވުޑްގެ މަޝްހޫރު ތަރި އީޝާ ގުޕްތާ އެންގޭޖު ކޮށްފި އެވެ. އީޝާ ވަނީ އެކަން ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްފަ އެވެ.

އެގޮތުން ބޮޑު އަލިމަހެއް ހަރުކޮށްފައި އިން އަނގޮޓިއެއް އިނގިލީގައި އަޅައިގެން ނަގާފަ ހުރި ފޮޓޯއެއް އީޝާ ވަނީ ޓުވީޓު ކޮށްފަ އެވެ.

"އޭނާ ޕްރޮޕޯސް ކުރީ. އަހަރެން ބުނީ އާނއެކޭ!،" އީޝާ ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އުމުރުން 30 އަހަރު ގުނަމުން އަންނަ އީޝާ އެންގޭޖުވި ނަމަވެސް އެންގޭޖު ކުރީ ކާކާ ކަމެއް ހާމަ އެއް ނުކުރެ އެވެ.

ހަބަރުތައް ބުނާ ގޮތުން، އޭނާ ވަނީ މަޝްހޫރު ފިލްމު "އައި ހޭޓް ލަވް ސްޓޯރީސް"ގެ ޑައިރެކްޓަރު ޕުނިތު މަލްހޯތުރާ އާ ރައްޓެހި ވެގެން އުޅެފަ އެވެ. އެހެންނަމަވެސް އޭނާ އެންގޭޖު ކުރީ ޕުނިތުއާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ވެފައެއް ނުވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ފިލްމުތަކުން ފެންނަން ފެށި އީޝާ ވަނީ މިހާތަނަށް އައިއިރު ހަ ފިލްމެއް ކުޅެފަ އެވެ. އެގޮތުން ޖަންނަތު 2، ރާޒް 3 އަދި ހަމްޝަކަލްސް ފަދަ ފިލްމު ތަކަކީ އީޝާގެ ފާހަގަކޮށްލެވޭ ފިލްމުތަކެވެ.