މިރޭ ދަންވަރު 00:00 އާ ހަމައަށް، އުރީދޫ ކަސްޓަމަރުންނަށް، އިންޑިއާއަށް ޚާއްސަ އަގެއްގައި ގުޅޭގޮތް އުރީދޫއިން ހަމަޖައްސައިފި އެވެ.

އުރީދޫއިން އިންޑިއާއަށް ހެޔޮ އަގުގައި ގުޅޭގޮތް ހަމަޖެއްސީ، ޓްރިވެންޑްރަމް ކައިރީގައި އޮންނަ ކޮއްލަމްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އުރީދޫއިން ބުނީ، އެގޮތަށް ހަމަޖެއްސީ، އެސަރަހައްދުގައި ދިރިއުޅޭ އާއިލާއާއި ގާތްތިމާގެ މީހުންނާ ފަސޭހަ ކަމާއި އެކު ގުޅުމުގެ މަގު ފަހިކޮށްދޭން ކަމަށެވެ.

އެގޮތުން، އުރީދޫއިން ހަމަޖައްސާފައިވާ ޚާއްސަ ރޭޓަކީ މިނިޓަކަށް 1.45 ރުފިޔާ އެވެ.

ކޮއްލަމްގައި ހިންދޫ އާ އަހަރު ފާޅުކުރުމަށް ތައްޔާރު ކޮށްފައިވާ ފައްޅީގައި އަލިފާން ރޯވީ، އެތަނުގައި ރައްކާކޮށްފައި ހުރި ބަޑިބޭހުގައި ރޯވެ، ބަޑިބޭސް ގޮވުމުގެ ސަބަބުންނެވެ. ގިނަ މީހުން މަރުވީ އެގޮވުމުގެ ސަބަބުން ފައްޅީގެ ތެރޭގައި ހުރި އިމާރާތެއް ވެއްޓުމުގެ ސަބަބުންނެވެ.

ގޮވުމުގެ ބާރު ގަދަ ކަމުން އެސަރަހައްދުގައި ތިބި ގެތަކަށް ވެސް ލޮޅުން އެރި އެ ހާދިސާގައި 350 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. ޒަހަމްވި މީހުންގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތައް ލިބުނު މީހުންނަށް ކެރަލާގެ ވެރި ރަށް ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ މެޑިކަލް ކޮލެޖުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކެރެލާގެ ހޯމް މިނިސްޓަރު ރަމޭޝް ޗެނިތަލާ ވަނީ އެ ހާދިސާ ތަހުގީގު ކުރަން އަންގަވާފަ އެވެ.

"ފައްޅީގައި ކޮންމެ އާއަހަރަކު ބަޑިބޭހުގެ ކުޅިވަރު ދައްކާލާނެ. އަޅުގަނޑުމެން މިދަނީ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން،" ޗެނިތަލާ ވިދާޅުވި އެވެ.