ސްޕެނިޝް ލީގްގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެ ލީގްގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް ބާސެލޯނާ އަށް އެންމެ މުހިންމީ ޗެމްޕިއަންސް ލީގްގެ ޓްރޮފީ ކަމަށް އެ ޓީމްގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފިއެވެ.

ބަލިނުވެ 39 މެޗު ހަމަކޮށް ރިކޯޑެއް ގާއިމް ކޮށް ސްޕެނިޝް ލީގްގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގާފައި ބާސެލޯނާ މިމަހު ކުރީ ކޮޅު ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވެ އަދި އެންމެ ފަހުން ލީގްގައި ރޭ ކުޅުން މެޗުން ވެސް ބަލިވެ އެ ޓީމްގެ ލީޑް ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. އެހެން ކަމުން 73 ޕޮއިންޓާއި އެކު ލީގްގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި 72 ޕޮއިންޓާއި އެކު ތިން ވަނާގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ލީގަށް ވާދަކުރުމުގެ ފުރުސަތު ބޮޑުވެފައެވެ.

"އެއްވެސް ޓީމަކަށް އަބަދު އެއްވަރެއްގައެއް ނުކުޅެވޭނެ. ލީގްގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވީ ބާސާގެ ކުޅުން ދަށް ވުމުން. ސީޒަނެއް އެއްކޮށް ނިންމައެއް ނުލެވޭނެ ގިނަ މުބާރާތް ތަކެއްގައި ކުޅެމުން ހުރިހާ މެޗެއް ކާމިޔާބް ކޮށްގެން ނެއް،" ޕީކޭ ބުންޏެވެ.

އޭނާ ބުނީ ލީގްގައި ކުރިމަތިވި ކަންތައްތަށް ހަނދާން ނައްތާލުމަށް ފަހު މިވަގުތުގެ ވިސްނުން ހުރީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޗެމްޕިއަންސް ލީގްގެ ދެވަނަ ލެގްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް އެކަނި ކަމަށާއި ބާސާ އަށް އެންމެ މުހިންމު މުބާރާތަކީ ޗެމްޕިއަންސް ލީގް ކަމަށެވެ.

ޗެމްޕިއަންސް ލީގްގެ ދެވަނަ ލެގްގައި އެތުލެޓިކޯގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ބާސާއިން ނިކުންނަން ތައްޔާރު ވަމުން އަންނަ އިރު ފުރަތަމަ ލެގްގެ މެޗު ބާސާ އިން ކާމިޔާބް ކުރީ އެތުލެޓިކޯގެ ފެނާންޑޯ ޓޯރޭސް ގޯލެއް ޖަހައި ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި ލުއިސް ސުއަރޭޒް ކާމިޔާބް ކުރި ދެ ގޯލާއި އެކުއެވެ. އެ މެޗުގައި ބާސާއިން ކާމިޔާބް ކުރި ދެ ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކައި އެތުލެޓިކޯގެ ޓޯރޭސް ދަނޑުން ފޮނުވާލި ފަހުންކަން ފާހަގަ ކޮށްލެވެއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ އެ ދެ ޓީމް ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް ބާސާ އަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ.