10 Apr 2016, 16:10
މިވަގުތު ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމަނައިގެން، ރާއްޖޭގެ 11 މީޑިއާ ގްރޫޕަކުން 183 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް މިއަދު ހުށަހަޅައިފި އެވެ.
އެ ޕެޓިޝަން ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސުޕްރީމް ކޯޓު އަދި ރައްޔިތުންގެ މަޖިލީހަށެވެ.
ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ފަހު މީޑިއާއާ ބައްދަލުކޮށް، ޕެޓީޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިންގެ ވޯކިން ގްރޫޕުން ބުނީ، ތިން މުއައްސަސާއިން ވެސް ޕެޓިޝަން ބަލައިގެންފައިވާ ކަަމަށާއި، ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ނޫސްވެރިންގެ ވޯކިން ގްރޫޕުން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ؛ ޕެޓިޝަނުގައި 183 ނޫސްވެރިން ވަނީ ސޮއިކޮށްފައި -- ސަން ފޮޓޯ: ޝަފްނާ ހުސައިން
މީޑިއާއަށް މައުލޫމާތު ދެމުން ވޯކިން ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އަދި މޯލްޑިވްސް އިންޑެޕެންޑެންޓުގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި 200 އެއްހާ ނޫސްވެރިން ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ޕެޓިޝަނުގައި މާލޭގައި ހިންގަމުން އަންނަ ނޫސް އިދަރާތަކުގެ އިތުރުން، އަތޮޅުތެރޭގައި ހިންގަމުން އަންނަ ނޫސްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ނުވަ ކަމެކެވެ. އެއީ:-
ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުاللهގެ މައްސަލައިގެ ފުރިހަމަ އަދި މިނިވަން ތަހުގީގެއްކޮށް، އެ މައްސަލާގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން.
- މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި ހަމަލާތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށް، އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލުން.
- ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން އައްޔަނުކޮށްފައި ތިބުމަކީ، އެކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެއްކަމަށް ގަބޫލުކުރެވޭތީ އާއި، އެކަމާ މެދު މިހާރު ވެސް ރައްޔިތުންގެ މެދުގަ އާއި ނޫސްވެރީންގެ މެދުގައި ނުހަނު ކަންބޮޑުވުން އުފެދިފައި އޮތުމުން، އެ މުއައްސަސާގެ މުސްތަގިއްލުކަމާ މެދު ސުވާލު ނުއުފެދޭނެ ގޮތަކަށް އެކަން އިސްލާހުކުރަން އަވަސް ހައްލެއް ގެނައުން.
- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ އަދި ސަންގުޓީވީއާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި، ކަމުގެ ހަގީގަތަށް ބުރަވެ ތަހުގީގުކޮށް ނިންމުން.
- ސަންގުޓީވީގެ އިކުއިޕްމަންޓްތައް ފުލުހުން ގެންގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެތަކެތި ރައްދުކޮށްފައިނުވާތީވެ، އެކަން އަވަސްކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ގޮވާލުން.
- މީޑިއާތަކާއި ނޫސްވެރިންނަށް ހުރަސް އަޅާ، ބިރުދެއްކުމަށް ގޭންގްތަކާއި، ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ދެމުންދާ ނަފްސާނީ އަދި ޖިސްމާނީ ހަމަލާތައް، ހުއްޓުވަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާ މައްސަލަ.
- ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް" އަކީ އޭގެ ސަބަބުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ހަނިކޮށްފައިވާ ބިލެއް ކަމުން، އެބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލުން.
- ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި އެނޫސްވެރިންނާ ދެކޮޅަށް ދަޢުވާނުކުރުމަށް ގޮވާލުން.
- ކޯޓުތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހެދުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިވެންޓްތަކަށް އަމިއްލަ މީޑިއާތަކުގެ ނޫސްވެރިންނަށް ފުރުސަތު ނުދިނުމާއި، ވަކިވަކި މީޑިއާތައް އެކަހެރިކުރުމަށް ކުރެވޭ ކަންކަން އަދި ޖުމްލަކޮށް މިނިވަން ނޫސްވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ހުރިހާ ހުރަހެއް ނައްތާލަން ގޮވާލުން.
- ރާއްޖޭގައި ނެރެމުން އަންނަ އެންމެ ދުވަސްވީ ދުވަހު ނޫސް އަދި އޮންލައިން ކަމަށްވާ "ހަވީރު"ގެ މިލްކިއްޔާތާ މެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ މީޑިއާ ހުއްޓިފައި އޮންނަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭން މެދުވެރިއެއްގެ ދައުރު ދައުލަތުން އަދާކުރުމަށް ގޮވާލުން.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ވޯކިން ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އަދި ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަހްމަދު މުޖުތަބާ ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓްގެ ފަރާތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޕެޓިޝަންއާ ހަވާލުވުމަށް ފަހު، ޕެޓިޝަނުގައި ބަޔާންކޮށްފައިވާ ކަންކަން ބަލައި، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
"ރައީސް އޮފީހުން ވެސް އެއްބާރުލުން ދެއްވި. އެފަރާތުން ބޭފުޅަކު ޕެޓިޝަނާ ހަވާލުވެވަޑައިގެން ވިދާޅުވީ ކަންތައްތައް ބައްލަވައިދެއްވާނަމޭ. ދެން އަޅުގަނޑުމެން މި އައީ މަޖިލީހަށް. މަޖިލީހުން ވެސް މަޖިލީހުގެ އަމީންއާމުގެ ފަރާތުން ބޭފުޅަކު ހަވާލުވި. ވިދާޅުވި ޕެޓިޝަނުގައިވާ ކަންކަން ބައްލަވައިދެއްވާނަމޭ،" މުޖުތަބާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ވޯކިން ގްރޫޕުން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ؛ ޕެޓިޝަނުގައި 183 ނޫސްވެރިން ވަނީ ސޮއިކޮށްފައި -- ސަން ފޮޓޯ: ޝަފްނާ ހުސައިން
މުޖުތަބާ ވިދާޅުވީ، ޕެޓިޝަނުގެ ސަބަބުން ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެ ޕެޓިޝަނަކީ ރާއްޖޭގެ ތާރީހުގައި ވެސް އެހާ ގިނަ އަދަދެއްގެ ނޫސްވެރިން "އެއް ގަލަކަށް އަރައި" އެއް ކަމަކަށް ގޮވާލި ގޮވާލުން ކަމަށާއި، މީޑިއާ އަކީ ޑިމޮކްރަސީގެ ހަތަރު ބާރަށްވުމުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް މީޑިއާތަކާ އެކު މަޝްވަރާކުރުމަށް އިށީންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވޯކިން ގްރޫޕުން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ވޯކިން ގްރޫޕުން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ؛ ޕެޓިޝަނުގައި 183 ނޫސްވެރިން ވަނީ ސޮއިކޮށްފައި -- ސަން ފޮޓޯ: ޝަފްނާ ހުސައިން
ނޫސްވެރިކަމަށް ހުރި ހުރަސްތައް ނައްތާލަ ދިނުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި، މިދިޔަ ހުކުރު ދުވަހު ނޫސްވެރިން ވަނީ ހިމޭންކަމުގެ ހިނގާލުމެއް ވެސް މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.