10 Apr 2016, 15:55
އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަށް 6.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާ އިން ބުނީ، ރާއްޖެއަށް އެކަމުގެ އަސަރެއް ނުކުރާނެ ކަމަށެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ބިންހެލުމުގެ ލޮޅުންތައް އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އިތުރުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާށާއި ލާހޫރު އަދި އިންޑިއާގެ ވެރިރަށް ނިއު ދެއްލީ އަށްވެސް ވަނީ ކޮށްފަ އެވެ. އެކަމުގެ ސަބަބުން ނިއު ދެއްލީގެ މެޓްރޯ ރެއިލް ހިދުމަތްތައް ވަނީ މެދުކަނޑާލާފަ އެވެ.
އެ ބިން ހެލުމުގައި އަނިޔާވި މީހުންގެ އަދަދެއް އަދި ނޭނގެ އެވެ. އަދި ބަޔަކު މަރުވި ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، އަފްގާނިސްތާނުގެ އަވަށެއް ކަމަށްވާ، އަޝްކަޝަމްގެ 39 ކިލޯމީޓަރު ދުރަށްއައި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 210 ކިލޯމީޓަރު އަޑިއަށެވެ. އަދި ބިންހެލުމުގެ ލޮޅުމުގެ އަސަރު އަޝްކަޝަމްގެ ވަށައިގެން 200 ކިލޯމީޓަރު ދުރަށް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މިއަދު ބިންހެލުން އައި ސަރަހައްދަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ވަނީ 7.5 މެގްނިޓިއުޑުގެ ބާރު މިނުގައި ބިންހެލުމެއް އައިސްފަ އެވެ. އެ ހާދިސާގައި 300 ގާތްކުރާ އަދަދަކަށް މީހުން މަރުވި އެވެ.