10 Apr 2016, 16:04
މިދިޔަ މަހުގެ 31 ވަނަ ދުވަހު ށ.ގޮއިދޫން ފެނުނު ވާލަކީ ހޮހޮޅަތަކުގައި ދިރިއުޅޭ އާއިލާގެ ވާލެއް ކަމަށާއި އޭގެ ސަބަބުން އިންސާނުންނަށް ނުރައްކަލެއް ނެތް ކަމަށް ފިޝެރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.
ފިޝަރީސް އެންޑް އެގްރިކަލްޗާގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، ގޮއިދޫ އިން ފެނުނު ވާލަކީ ސޫފާ ސޫފި ކައި އުޅޭ ވާލެއް ކަމަށެވެ.

ށ. ގޮއިދޫ އިން ފެނުނު ވާލު، ފިޝެރީސް މިނިސްޓްރީ އިން ބުނީ މި ބާވަތުގެ ވާލަކީ ހޮހޮޅަތަކުގައި ދިރިއުޅޭ ވާލުގެ އާއިލާގެ ވާލެއް ކަމަށް ބެލެވޭ ކަމަށް --- ފޮޓޯ: ގޮއިދޫ ކައުންސިލް
"ޑްރެގަންސް ބަޓަފްލައި ކަހަލަ އެއްޗެހި އެ ކައި އުޅެނީ. އެހެންވީމަ އިންސާނުންނަށް އޭގެ ބިރުވެރި ކަމެއް އޮތް ކަމަށް ނުބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އެ ވާލަކީ ކެޑަރީޓާ ޖީނަސްގެ ވާލެއް ކަމަށެވެ. އަދި އެއީ ހިޖުރަ ކުރާ ބާވަތުގެ ވާލެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި ޖީނަސްގައި އުޅޭ ފުދޭ ވަރަކަށް ގިނަ ސްޕީޝީސް. އޭގެ ތެރެއިން އެންމެ ހައިލީ މައިގްރޭޓަރީ އެއްޗެއްގެ ގޮތުގައި އިންނަނީ ކެޑަރީޓާ ބްރެޒީލިއަން ކިޔާ އެއްޗެއް. އަޅުގަނޑުމެންނަށް ސަސްޕެކްޓު ކުރެވޭނީ އެ ކަމަށް،" ފިޝެރީސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، ގޮއިދޫ އިން ފެނުނު ވާލަކީ ކެޑަރީޓާ ބްރެޒީލިއަން ވާލެއް ކަމަށް ބެލެވުނު ނަމަވެސް އެކަން ޔަގީން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަން ޔަގީން ކުރެވޭނީ ވާލުގެ ބަރުދަނާއި އުމުރު އެނގިގެން. ކެޑަރީޓާ ދެން ސްޕީޝީސް އާ ހިސާބަށް އޭތި އައިޑެންޓިފައި ކުރެވުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އެ ބާވަތުގެ ވާ އޭޝިއާސަރަހައްދުގައި އުޅޭ ކަމަށާއި އެ ބާވަތުގެ ވާލަކީ ހިޖުރަ ކުރާ އެއްޗަކަށް ވުމުން އޮޅިގެން ރާއްޖެއަށް އާދެވުނީ ކަމަށް ބެލެވޭ ކަމަށެވެ.
"މި ޖީނަސް އޭޝިއާގަ އުޅޭ. އެކަމަކު މީ ބޮޑަށް ސައުތު އެމެރިކަން އެއްޗެއް. ވެދާނެ ކޮންމެވެސް ގޮތަކަށް ރާއްޖެ އާދެވުނީ ކަމަށް.ރާއްޖޭގަ ނުހުންނާނެ އެއްޗެހިން ކާނެ ކޮކާ ފަދަ ޑްރެގަން ފްލައިސްތައް. މި ދޫނިތައް ގެންނަ މީހުން ގެނައި އެއްޗެއް ކަމަށްވެސް އެކަށީގެންވޭ،" އޮފިޗަލް ވިދާޅުވި އެވެ.

ށ. ގޮއިދޫ އިން ފެނުނު ވާލު --- ފޮޓޯ: ގޮއިދޫ ކައުންސިލް
އޮފިޝަލް ވިދާޅުވީ، މީގެ ކުރިން އެފަދަ ވާލެއް ފެނުނު ކަމަކަށް އެ މިނިސްޓްރީގެ ރިކޯޑުތަކަކުން ނުދައްކާ ކަމަށެވެ.
ށ.ގޮއިދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ޝާހު ވިދާޅުވީ، އެރަށުން ފެނުނު ވާލު ކައުންސިލާ ހަމައަށް ގެނައި އިރު މަރުވެފައިވާ ކަމަށެވެ.
"ސުކޫލް މަތިން އުދުހެނިކޮށް ކާޅު ގޯނާ ކޮށްގެން ވެއްޓިފައި އޮތީ. ކައުންސިލަށް ގެނައި އިރު މަރުވެފައި އޮތީ. މިހާރު އޭތި ނައްތާލައިފިން،" ކައުންސިލް ނައިބު ރައީސް ވިދާޅުވި އެވެ.