ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލޭގައި ކުރާ މުޒާހަރާތަކުން ދައުލަތް ހިމާޔަތް ކުރުމަށް ސީދާ ހަރަކާތައް ނުކުތުމަށް އެމްޑީޕީން ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލޭގައި ކުރާ މުޒާހަރާތަކުން ދައުލަތް ހިމާޔަތް ކުރުމަށްޓަކާ ސީދާ ހަރަކާތައް ނުކުތުމަށް އެމްޑީޕީން ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ. ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު އެވެ. އެ ގަރާރުގެ ދަށުން ގައުމީ މަޖިލީހުން ވަނީ ދައުލަތް ހިމާޔަތް ކުރުމަށް ކޮމެޓީއެއް އެކުލަވާލާފަ އެވެ.

އަދި މާލޭގައި ސިލްސިލާކޮށް ކުރާ މުޒާހަރާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުންވަމުންދާތީ މުޒާހަރާތައް ހުއްޓުވުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާ އެ ކޮމެޓީން ބައްދަލުކޮށް މަޝްވަރާ ކުރުމަށްވެސް ގައުމީ މަޖިލީހުން ނިންމާފައިވެ އެވެ. އަދި މުޒާހަރާތައް ހުއްޓުވުމަށްޓަކައި އެމްޑީޕީ މެންބަރުން ސީދާ ހަރަކާތަށް ނުކުމެ، މުޒާހަރާތައް ހުއްޓުވަންޖެހިއްޖެ ހަލާތެއްގައި އެކަން ކުރުމަށާއި ރައްޔިތުންނަށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ހާމަކުރުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އެ ގޮތުން މީޑިއާ މެދުވެރިކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލެއް މެދުވެރިވާ ސަބަބު ބަޔާންކޮށްދޭން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމާ ބެހޭ ގޮތުން އެ ޕާޓީގެ ހަރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ބާޒާރުގައި އަގު އުފުލިފައިވާ ތަކެތީގެ އަގު، ތިރި ކުރުމަށް އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނި އެސްޓިއޯއާ ވާހަކަދައްކަމުންދާ ކަމަށް ޑީޑީ ވިދާޅުވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރީކޯ މޫސަ މަނިކު ވިދާޅުވީ ބާޒާރުގައި "އެހާބޮޑަށް" ތަކެތީގެ އަގު އުފުލިފައި ނުވާ ކަމަށާއި އެކަން ރައްޔިތުންނަށް މިއަދު ވަރަށް ރަގަނޅަށް އެނގޭނެ ކަމަށެވެ. އަދި ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ބުނެ، މުޒާހަރާ ކުރަމުންދަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރީކޯ މޫސަ ތުހުމަތު ކުރެއްވެވި އެވެ. އަދި އެފަދަ ގޮތަކަށް މުޒާހަރާކޮށް ފުލުހުން ދެއްވާ އިރުޝާދުތަކުން ބޭރުވެ، ފުލުހުންނަށް ހަމަލާދޭކަމަށްވާނަމަ އެ މުޒާހަރާ ކުރާ މީހުންނާ މެދު "އެހެން ގޮތަކަށް ހަދަންޖެހިދާނެ" ކަމަށް ވިދާޅުވި އެވެ.

މަޖީދީމަގާއި ޗާންދަނީމަގުގެ ހަތަރު އަގޮޅި ކަންމަތީގައި ރޭ ކުރަމުންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލީ، އެމްޑީޕީގެ އެކްޓިވިސްޓުންނާއި މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުންތަކެއް ހިނގައި ގިނަބަޔަކަށް އަނިޔާތަކެއް ވުމާ ގުޅިގެންނެވެ. މުޒާހަރާތައް ރޫޅާލުމާމެދު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޝްވާން ވިދާޅުވެފައި ވަނީ އެއްވުން ރޫޅާލުމުގައި އެއްވެސް ސިޔާސީ ފަރާތަކަށް ނުބަލާނެ ކަމަށާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އެއްވުންތައް ރޫޅާލަން ޖެހިއްޖެ ހާލަތެއްގައި ފުލުހުން އެކަމަށް ފަސް ނުޖެހޭނެ ކަމަށެވެ.