ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛާ މަރްޔަމް ނިހާޔަތު އަދި އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛާ އާއިޝަތު ފަޒްނާ އަހުމަދު އައްޔަންކުރައްވައިފި އެވެ.

ޑެޕިއުޓީ ޕީޖީ ކަމަށް އައްޔަން ކުރެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދާ ހަމައަށް ހުންނެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ސިވިލް ކޯޓުގެ ގާޒީކަން އަދާކުރެއްވި ނިހާޔަތު ގާޒީކަމުން އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ފަޒްނާ ހުންނެވީ ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރގެ މަގާމުގަ އެވެ. ފަޒްނާ އެސިސްޓެންޓު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ އެކު އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ. އެ މަގާމުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ހުސައިން ނާޝީދާއި ޖިހާދާ އަނީސްއެވެ.

ނިހާޔަތު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުން ޕީޖީ އޮފީހުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ދެބޭފުޅުން ތިއްބަވާނެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ދެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް ބަހައްޓާ ގޮތަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވީ މި މަހުގެ ހަވަނަ ދުވަހު އެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އެހީތެރިވެ ދިނުމަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަން ކުރަންވާނެ ކަމަށެވެ. އަދި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހުން އައްޔަނުކޮށް ވަކި ކުރައްވާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.