10 Apr 2016, 14:31
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް އެ ކްލަބާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށް ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވުމަށް ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯ ހަވާލުމަށް ޔުނައިޓެޑާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންދެ އެވެ.
"ވެން ހާލަކީ އަހަރެންގެ އެކުވެރިއެއް. އަހަރެން އޭނާއާއެކު ދުވަސްކޮޅަކަށް މަސައްކަތް ކުރިން. އަހަރެން ހޯދުމަށް އަބަދުވެސް އެކި ކްލަބުތަކުން މަސައްކަތް ކުރޭ. އަންނަ ސީޒަނުގައި އަހަރެން ކުލަބަކާ ހަވާލުވާނަން. އެކަމަކު މި ވަގުތު އެއްވެސް ކްލަބަކާއެކު އެއްބަސްވުމެއް ހަދާފައެއް ނޯންނާނެ. އަހަރެން މިވަގުތު މިހުރީ ވަޒީފާއަކަށް ނޫނެކޭ ބުނެވޭނެ ފަދަ މަގާމެއްގައެއް ނޫން. ކޮންމެ ކްލަބެއް އަދި ގައުމީ ޓީމަކުން ވެސް އަހަރެން ހޯދުމުގެ ފުރުސަތު އޮންނާނެ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، ކޮންމެ ޓީމަކަށް ވެސް އޭނާ ހޯދުމުގެ ފުރުސަތު އޮތް ކަމުގައިވިޔަސް، ބޮޑަށް އޭނާ ބޭނުންވަނީ ޕްރިމިއާ ލީގުގެ ކްލަބެއްގެ ކޯޗުކަމާ ހަވާލުވާން ކަމަށެވެ.
"ހުށަހެޅުންތަކަށް ބަލާފައި، އަހަރެން ހިޔާރުކުރާނީ އަހަރެންގެ ކެރިޔަރަށް އެންމެ ރަނގަޅު ކްލަބު. އަހަރެން ބޮޑަށް ބޭނުންވަނީ އިނގިރޭސި ކްލަބަކާ ހަވާލުވާން. އެތަނުގެ ފުޓްބޯޅައަށް އަހަރެން ޝައުގުވެރިވަން،" އޭނާ ބުންޏެވެ.
މޮރީނިއޯ އަކީ ބެންފީކާ އާއި، ޕޯޓޯއާއި، ޗެލްސީއާއި، އިންޓަ މިލާން އަދި ރެއާލް މެޑްރިޑަށް އިރުޝާދުދީފައިވާ ކާމިޔާބު ކޯޗެކެވެ.