ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ސްރީލަންކާގެ 12 ގައިދީން މިއަދު ހެނދުނު ސްރީލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ.

ތަފާތު އެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ލަންކާގެ 12 ގައިދީއަކު އެ ގައުމާ ހަވާލު ކުރީ ކުށްވެރިން ބަދަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާން ކުރާ ގަވާއިދު"ގެ ދަށުން އެ ކުށްވެރިން ސްރީލަންކާއާ ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ލަންކާގެ މަނަވަރެއް ކަމަށްވާ “ޝަކްތީ” އާއެވެ.

އެ މަނަވަރު މިއަދު ހެނދުނު ރާއްޖެއިން ވަނީ ފުރާފަ އެވެ. އެމަނަވަރާއެކު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ސްރަނިމިލަ ވެސް ވަނީ މިއަދު ހެނދުނު ރާއްޖެއިން ފުރާފަ އެވެ.

ލަންކާގެ 12 ގައިދީން އެ ގައުމާ ހަވާލު ކުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެންސީއެސް)އިންނެވެ. ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމުގައި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ޙަސަން ޒިލާލެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓަންޓް ޑައިރެކްޓަރު ސަމާހަތު ޒުހުރީއެވެ.

ރާއްޖެ އާއި ބޭރުގެ ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާން ކުރާ ގަވާއިދުގައިވާ ގޮތުން ގައިދީން ބަދަލު ކުރެވޭނީ ގައިދީގެ ރުހުމާއި އޭނާ ނިސްބަތްވާ ގައުމުގެ ރުހުން އޮވެގެންނެވެ. ކުށްވެރިން ބަދަލުކުރުމުގެ އިޖްރާއަތު ތަންފީޒު ކުރަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެންނެވެ.