ދިވެހި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް އިންޑިއާގެ ކުލްދީޕް ޕަލިވާލް އައްޔަނު ކޮށްފި އެވެ.

ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިންނާއި ތަފާސް ހިސާބުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވާފައިވާ ކުލްދީޕްއަކީ އިންޑިއާއިން ސެޓިފިކޭޓް އޮފް ކޭވައިސީ/އޭއެމްއެލް އާއި ޕްރޮފެޝަނަލް ދާއިރާއިން ސަޓިފައިޑް އެސޯސިއޭޓް އޮފް އިންޑިއަން އިންސްޓިޓިއުޓް އޮފް ބޭންކާސް އަދި އެމެރިކާއިން ސާޓިފައިޑް ފްރޯޑް އެގްޒެމިނަރުގެ ލައިސެންސް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ކުލްދީޕް މީގެ ކުރިން ވަނީ އިންޑިއާގެ ސިޓީ ބޭންކް، އައިޑީބީ އަދި އައިސީއައިސީއައިގައި ވެސް އިސް މަގާމުތަކެއް އަދާ ކުރައްވައިފަ އެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ވަޑައިގަތުމުގެ ކުރިން ކުލްދީޕް ހުންނެވީ ޓެންޒޭނިއާގެ އެގްޒިމް ބޭންކުގެ ބިޒްނަސް ހެޑް އޮފް ކޯޕަރޭޓް އެންޑް އިންވެސްޓްމަންޓް ބޭންކިންގެ މަގާމުގަ އެވެ.

ބީއެމްއެލްއިން ބުނީ، ރާއްޖޭގައި ވިޔަފާރީގެ ސިނާއަތް ކުރިއަރަމުން އަންނަ އިރު، އެ ސިނާޢަތަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވިޔަފާރިއާ ރަހުމަތްތެރި، އަދި ބޮޑެތި ކުންފުނިތަކަށް ވެސް ފަސޭހައިން އަވަހަށް ޚިދުމަތްތައް ފޯރުކޮށްދެވޭ ތަނަކަށް އެ ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑިވިޝަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ އެ ބޭންކުގެ ކޯޕަރޭޓް ބޭންކިންއިން ދަނީ ރަނގަޅު ނަތީޖާތަކެއް ހާސިލުކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރަނގަޅު ޓީމެއް އެބަ އޮތް. އަދި ކުލްދީޕް ފަދަ ތަޖުރިބާ ހުރި ބޭފުޅަކާއެކު އަޅުގަނޑުމެންގެ ވިޔަފާރި އިތުރު ހަރުފަތަކަށް ކުރިއަށް ގެންދެވޭނެ،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.