10 Apr 2016, 13:37
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއިން ކުރިއަށް ގެންދާ އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ ރަމަޟާން ބާޒާރު މިއަހަރު ކުރިއަށް ދާނީ މިމަހުން ފެށިގެން ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ބަދިގޭ ސާމާނާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު ޚާއްސަ، ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯޢިން ބުނެ އެވެ.
މިއަހަރު ޖޫން މަހުން ޖުލައި މަހުގެ ނިޔަލަށް ޔޫއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތް ފަރަންސޭސި ވިލާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މި މުބާރާތާ ދިމާކޮށް ވެސް އެސްޓީއޯއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.
"ޔޫރޯފޯރިއާ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެސްޓީއޯގެ އިން 1،000 ރުފިޔާގެ ވިޔަފާރި ކުރައްވާ ފަރާތްތަކަށެވެ. އެއްހާސް ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ އިރު، އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުންނާއި އެސްޓީއޯ ރީޖަނަލް އައުޓްލެޓުތަކުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވާ ދެލައްކަ ރުފިޔާގެ އަގު ހުރި އިނާމު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތާއި ދިމާކޮށް، އެސްޓީއޯއިން ވަނީ ފިލިޕްސް، ހިޓާޗީ އަދި ސެމްސަންގެ ޓީވީތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕްރޮމޯޝަންގެ ތެރޭގައި ބައްލަވައިގަންނަވާ ބައެއް ޕްރޮޑަކްޓްސްތަކަށް ވަގުތުން ލިބޭ އިނާމް ތަކެއް ހުށަހަޅާފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.
އެ ޕްރޮމޯޝަންގައި ހުށަހަޅާފައި ވަނީ ފިލިޕްސް، ހިޓާޗީ އަދި ސެމްސަންގް ބްރޭންޑްގެ އަގުހުރި އިނާމުތަކެކެވެ. އޭގެ ތެރެގައި ޓީވީ، ދޮންނަމެޝިން، ރެފްރިޖެރޭޓަރ އަދި މޯބައިލް ފޯން ހިމެނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ އިތުރުން އެސްޓީއޯގެ 13 ރީޖަނަލް އައުޓްލެޓުގަ އެވެ.