ތަކެތީގެ އަގުއުފުލުމާ ދެކޮޅަށް މިހާރު މާލޭގައި ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ދައުލަތަށާއި މީހުންނަށް ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ މުޒާހަރާ ރާވާ ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ގަރާގުގައި ބުނަނީ، އެ ސިލްސިލާ "ހަމަނުޖެހުންތަކަކީ" ގާނޫނީ އިމުން ބޭރުގައި ހިނގާ ކަންތައްތަކެއް ކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

"ސަބަބަކީ އެކަން ކުރަނީ ރޭގަނޑު އަރާމުކުރަން އޮންނަ ވަގުތުތަކުގައި ކަމަށްވުމާއި އަދި އޭގެ ސަބަބުން މުޅި ރަށުގައިނާމާންކަމާއި ބިރުވެރިކަން އާއްމުވަމުން ދާތީ އެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތާއި މީހުންގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެ އެވެ. މީގެ އިތުރުން އާއްމުންނަށް، ހާއްސަކޮށް ކުޑަކުދިންނަށާއި މުސްކުޅިންނަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުމާއި، ނިދިން މަހްރޫމްވުމާއި އެއްތަނުން އަނެއްތަނަށް ދިއުމަށް އެޅޭ ހުރަސްތަކަކަކީ އަގުނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެކެވެ،" މާލެ ސިޓީ ކައުންސިލްގެ ގަރާރުގައިވެ އެވެ.

މުޒާހަރާ ރާވާ ހިންގާ ފަރާތުން އެ "ގެއްލުންތަކުގެ ޒިންމާ ފުރިހަމައަށް އުފުލަންޖެހޭނެ" ކަމަށް ވެސް އެ ގަރާރުގައިވަނީ ކަނޑައަޅައިފަ އެވެ. އަދި "މިހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތާއި އާއްމުންނަށް ލިބޭ އެންމެހާ ގެއްލުންތަކުގައި މުޒާހަރާާގެ ނަމުގައި ހަމަނުޖެހުން ރާވާ ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް" ސިޓީ ކައުންސިލުން ވަނީ ހުރިހާ މުއައްސަސާތަކަށް ގޮވައިލައިފައި އެވެ.

މީގެ އިތުރުން، ހަމަނުޖެހުން ހުއްޓުވައި މާލެ އަމާންތަނަކަށް ހެދުމަށް "ސަލާމަތީ ބާރުތަކުން ކުރެވެން އޮތް އެންމެހާ ކަންކަން" ކުރުމަށް ވެސް އެ ގަރާރުގައި ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާގެ އަޣުލަބިއްޔަތުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ވޯޓުގެ ތަފްސީލު ދީފަ އެއް ނުވެ އެވެ.

އެ ގަރާރު ފާސްކުރެއްވުމަށް ވޯޓު ނުދެއްވާ މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު ޑީއާރްޕީގެ ދެ މެމްބަރުންގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ އިބްރާހިމް ސުޖާއު (އިއްބެ) ވިދާޅުވީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލުން އެ ގަރާރު އެކުލަވާލައިފަައިވަނީ، އެ މުޒާހަރާތައް ކުށްވެރިކުރުމުގެ ވިސްނުމުގައި ކަމަށެވެ. އަދި އެއްވެސް ވަރަކަށް ރޭގަނޑު މުޒާހަރާކުރަމުންދާ ފަރާތްތަކުގެ ހާލަތާމެދު ވިސްނާލައްވައިފައިނުވާތީ، އެ ގަރާރަށް ވޯޓު ނުދެއްވީ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

"ދަންވަރު ހޭލާ ތިބެގެން މުޒާހަރާކުރަން އެއްވެސް ބަޔަކަށް ފަސޭހައެއް ނުވާނެ. އެހެންވެ، ބަޔަކު ދަންވަރު ހޭލައި ތިބެ ކޮންޓިނިއުއަސްކޮށް ]ކެނޑިނޭޅި[ ކުރަމުންދާނީ އެމީހުންނަށް ދައްޗާއި އުނދަގޫތަކެއް ކުރިމަތިވަމުންދާނީ. އަޅުގަނޑުމެންނަށް އެބަ އިނގޭ އަތް ފޯރާ ވަރަށް ވުރެ މަތީގައިކަން ތަކެތީގެ އަގުހުރީ. އެހެންވެ، ހަމައެކަނި މުޒާހަރާ ކުށްވެރިކުރީމަ އެކަމަކުން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންގެ ވާޖިބު އަދާކުރެވުނީ ކަމަކަށް." އިއްބެ ވިދާޅުވި އެވެ.