10 Apr 2016, 13:21
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން، ލ. މާބައިދޫގައި އަޅާ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ.
މިދިޔަ ހުކުރު ދުވަހު މާބައިދޫގައި ބިންގާ އެޅި މިސްކިތުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ހަމްދު މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ތާރިޤް ޚާއްދާމް އަލް ފާއިޒް އާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ވަހީދެވެ.

ސައުދީއިން ރާއްޖޭގައި ހުންނަވާ ސަފީރުގެ ނައިބު ތާރިޤް ޚާއްދާމް އަލް ފާއިޒު -- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ސައުދީ ރަސްގެފާނުގެ ފުރިހަމަ ޚަރަދުގައި އިމާރާތް ކުރާ އެ މިސްކިތުގެ މަސައްކަތް، އެއް އަހަރު ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.
އާބާދީގައި 650 ރައްޔިތުން ދިރިއުޅޭ ލ. މާބައިދޫގައި ހުންނަ މިސްކިތުގައި 2013 ވަނަ އަހަރު ޤަބުރު ފެނިފައިވާ އިރު، އެތަނުގައި ނަމާދު ކުރުން ހުއްޓާލާފައި ވެ އެވެ. އަދި އެއަށް ފަހު އެ ރަށުގައި ރައްޔިތުން ނަމާދު ކުރަމުން އަންނަނީ ވަގުތީ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.