ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ ހުށަހަޅާ އެޗްއޭއެފް އައިލެންޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައިސިން ސްޓާސް ފޯ ވިލިފުށި ރެކްރިއޭޝަން (އާރްއެސްވީއާރު)އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 6:00 އެވެ.

ދެހާސްސާދަ ވަނަ އަހަރުން ފެށިގެން ބާއްވާ އެ މުބާރާތުގައި ކޮންމެ ރަށަކުން ވެސް އެއް ޓީމަށް ފުރުސަތު ދޭ ގޮތަށް މުބާރާތުގައި އިންތިޒާމުކުރާ ފަރާތުން ނިންމާފައިވާއިރު، އެ މުބާރާތުގައި ބައިވެރިވެވެނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 32 ޓީމަށެވެ.

މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 4000 ރުފިޔާ އެވެ.

މުބާރާތް އިންތިޒާމުކުރާ އާރްއެސްވީއާރު އިން ބުނީ، ބައިވެރިވުމަށް އެދޭ ފޯމު ދޫކުރަނީ 500 ރުފިޔާއަށް ކަމަށާއި 9942119 / 9630361 އަށް ގުޅުމުން ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

އެޗްއޭއެފް އައިލެންޑް ކަޕް 2016ގެ ސްޕޯޓްސް ޕާޓްންރަކީ ސޮނީ ސްޕޯޓްސް އެވެ.