10 Apr 2016, 12:40
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާގެ ނިއުދިއްލީ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސާއި އަދި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި ފިޝަރީޒް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝައިނީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފާއި ހޮޅުދޫ ދާއިރާގެ މެމްބަރު ޢަލީ މުޙައްމަދާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޟާ ބައިވެރިވެވަޑައިގެންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.