އެމެރިކާ އިން ޓެރަރިޒަމް އަށާއި އައިއެސް އަށް ތާއީދުކޮށް އެހީތެރިވެދޭ ކަމަށް އިރާގުގެ ތިން ބައި ކުޅަ އެއްބައި މީހުން ގަބޫލުކުރާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރަން ކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިރާގުގައި 13 އަހަރަށް ވުރެއް ގިނަ އަހަރު ދުވަސް ވަންދެން ހަރަކާތްތެރިވެފަ އެވެ.

ދަ އޮފީސް އޮފް އިންސްޕެކްޓާ ޖެނެރަލް އިން ހެދި އެ ސާވޭ އިން ދައްކާ ގޮތުން، އެމެރިކާ އިން އިރާގުގައި ހަމަނުޖެހުން އުފައްދައި ގުދުރަތީ ވަސީލަތްތަކަށް އަތްގަދަކުރަން އުޅޭ ކަމަށް އިރާގުގެ 40 ޕަސެންޓް މީހުން ގަބޫލުކުރެއެވެ. އަދި 30 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާ އިން އަންނަނީ އައިއެސް އަށް އެހީތެރިވެ، ހިތްވަރުދެމުންނެވެ.

އިރާގީ ނިއުސް އިން ރިޕޯޓްކުރާ ގޮތުގައި، 2015 ވަނަ އަހަރު އިރާގު މަޖިލީހުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ކޮމިޝަނުން ވަނީ ބައިނަލްއަގްވާމީ ކޯލިޝަންގެ މަތިންދާ ބޯޓުތަކުން އައިއެސްއަށް ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް ބާރުލިބޭ ބައެއް ލިޔެކިޔުންތަކާއި ފޮޓޯތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

"މަތިންދާ ބޯޓުތަކެއް (ބައިންއަލްއަގްވާމީ ކޯލިޝަނަށް ނިސްބަތްވާ) މޫސަލް އާއި ތަލް އަފަރު އަދި އަލް ކިއާރާގެ އެއާޕޯޓްތަކަށް ޖައްސާ ކަމަށް ކަށަވަރުކޮށްދޭ ބައެއް ފޮޓޯތަކާއި ރިޕޯޓްތައް އެކި މަސްދަރުތަކުން އަންނަނީ ލިބެމުން،" ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮމެޓީގެ ޗެއާމަން އެމްޕީ ހާކިމް ޒަމިލި ބުނެފައިވެ އެވެ.

ނަމަވެސް އެ ފޮޓޯތަކުގެ އަސްލުކަމެއް މިހާތަނަށް ވެސް ކަށަވަރުވެފައެއްނެތެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުން، އިރާގު ރައްޔިތުންގެ މެދުގައި އެމެރިކާގެ އަގު ދަނީ ވެއްޓެމުންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާއަށް އިހުތިރާމްކުރާ މީހުންގެ ޕަސެންޓް 38 ޕަސެންޓުގައިހުރިއިރު، އެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ 18 ޕަސެންޓަށް ވެއްޓިފައެވެ.

ސުންނީ މުސްލިމުން އެމެރިކާއާ މެދު ދެކޭ ގޮތް ވަނީ އެ މުއްދަތުގެ ތެރޭގައި 54 ޕަސެންޓުން 10 ޕަސަންޓަށް ވެއްޓިފައެވެ. ސުނީ މުސްލިމުންގެ ތާއީދު އެމެރިކާއަށް ގެއްލުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، އެމެރިކާ އިން ޝިއައީ އަސްކަރިއްޔާއަށް އެހީތެރިވުމެވެ.

މައުލޫމާތު: ރަޝިއާ ޓުޑޭ