10 Apr 2016, 12:40
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވި މައްސަލާގައި ދައުވާ އުފުލާފައިވާ ސިފައިންގެ ދެ މީހުން ކަމުގައިވާ، ސ. ފޭދޫ ބުލްބުލް އަހްމަދު ތިހާމާއި މާލޭ ދަފްތަރު މޫސާ ޒަމީރަށް ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު ހަމަޖައްސަން އެ ދެ ބޭފުޅުންނަށް އިތުރު ފުރުސަތުދީފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ބޭފުޅުންނަށް ކޯޓުން ދިން ފުރުސަތުގައި ވަކީލަކު ހަމަޖެއްސިފައި ނުވާތީ އެވެ.
ތިހާމާއި ޒަމީރު ވެސް މިއަދު ވިދާޅުވީ އެބޭފުޅުން ވާހަކަ ދެއްކި ބައެއް ވަކީލުން އެ މައްސަލައިގެ ބާވަތުން ވަކީލުކަން ކޮށްދޭން ބޭނުންނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ބައެއް ވަކީލުން ހުށަހެޅި އަގަކީ އެބޭފުޅުންގެ މާލީ ތަނަވަސްކަމާ ނުބައްދަލު އަގެއް ކަމަށާއި އެހެންކަމުން ވަކީލަކު ހަމަޖެއްސިފައިނުވާ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންނާ އެކު ދައުވާ އުފުލާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު މއ. ކުރިކީލަގޭ އަހްމަދު ފަޔާޒު އަލީ ރިޒާ ވިދާޅުވީ އޭނާގެ ގާނޫނީ ވަކީލު ވަނީ ކޯޓަށް ފޯމު ހުށަހަޅުއްވާފައި ކަމަށެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހްމަދު ރަޝީދު ވިދާޅުވީ ފަޔާޒުގެ ގާނޫނީ ވަކީލު ކޯޓަށް ފޯމު ހުށަހަޅުއްވާފައި ވަނީ ގަވާއިދުގައި ބުނާ މުއްދަތުގެ ފަހުން ކަމަށެވެ. އެހެންކަމުން މިއަދު މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ވަކީލާ އެކު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ފަޔާޒުގެ މައްޗަށް ދައުލަތުން ދެ ދައުވާ އެއް ވަނީ އުފުލާފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
ތިހަމާއި ޒަމީރުގެ މައްޗަށް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
ފަޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 8:00 އެހައިކަށްހައިއިރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ އިއްޒުންދީން ފާލަމާ ގާތް ކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާ ތަހުގީގުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް އޭނާ ހުރަސްއަޅާފައިވާ ކަމަށެވެ. ނަމަވެސް ފަޔާޒު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.
ފަޔާޒާއި ތިހާމް އަދި ޒަމީރުގެ މައްޗަށް އުފުލާފައިވާ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާގައި ބުނެފައި ވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފަޔާޒު އެސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށެވެ. އަދި ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުން ހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރި ކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.