10 Apr 2016, 12:26
ސަރުކާރު ހިއްސާވާ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އުމްރާ ވިސާގެ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.
އުމްރާ ވިސާގެ ހިދުމަތް ތައާރަފްކުރުމަށް މިއަދު އައިލެންޑް އޭވިއޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ކުރިން އުމްރާގެ ވިސާ، ހާއްސަކޮށް ރަމަޟާން މަހުގެ އުމްރާ އަދާކުރުމަށް ވިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
އެގޮތުން، މޯލްޑިވިއަން އެއާލައިންގެ ފަރާތުން ވިސާގެ ހިދުމަތް ދޭން ފެއްޓުމުން އެކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގެ މާލޭގައި އަލަށް ހުޅުވި ސައުދީ އެމްބަސީން ދިވެހިންނަށް އުމްރާ އަދި ހައްޖުގެ ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، އުމްރާ ވިސާގެ އިތުރުން ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ ހިދުމަތްތައް ބޭނުންފުޅުވާ ބޭފުޅުންނަށް ހެޔޮ އަގެއްގައި ހަމަޖައްސައިދެވޭނެ ކަމަށެވެ.
އެގޮތުން، އުމްރާއަށް ވަޑައިގަންނަވާ ފަރާތަކުން ހުންނަން ބޭނުންވާ ހޮޓެލެއްގެ ފެންވަރާއި އަދި އުމްރާއަށް ގޮސް ބައެއް ތަންތަން ބަލާލަންދާން ބޭނުންފުޅުވާ ނަމަ އެކަންތައްތައް ވެސް މޯލްޑިވިއަންގެ ފަރާތުން ހަމަޖައްސައިދޭނެ އެވެ.
މީގެ އިތުރުން، މޯލްޑިވިއަން ހޮލިޑޭގެ ފަރާތުން ބޭނުންވާ އެއާލައިނަކުން އެއާ ޓިކެޓު ވެސް ލިބިގެންދާނެ ކަމަށާއި އަދި 100 ބޭފުޅުންގެ ގްރޫޕްތަކަށް ހާއްސަ ޗާޓާޑް ޕެކޭޖްތަކެއް ވެސް ތައާރަފްކުރެވިގެންދާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފަރާތުން އުމްރާގެ ހިދުމަތް ދޭން ފަށާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މޯލްޑިވިއަން ހޮލިޑޭސްގެ އޮފީހުންނެވެ. އަދި އުމްރާ ވިސާގެ ހުރިހާ ކަމަކަށް ނަގާނީ 150 ޑޮލަރު ކަމަށް އެ އެއާވޭސް އިން ބުނެއެވެ.
"މޯލްޑިވިއަން ހޮލިޑޭސްގެ ފަރާތުން ފޯމް ފުރުމުގައާއި ލިޔެކިޔުންތައް ބުނެދިނުމުގައި އެހީތެރިވާނެ. އަދި ސަރުކާރު ހުޅުވިފައި ހުންނަ ދުވަސްތަކުގެ ތެރެއިން ފަސް ދުވަހުގެ މުއްދަތެއްގައި ވިސާ ފޯރުކޮށްދެވޭނެ،" މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.