10 Apr 2016, 12:35
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ، މަޑިފުށި ބަލިކޮށް ހިރިލަންދޫން ހޯދައިފި އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހިރިލަންދޫން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މަޑިފުށި އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީގެ މެޗުގެ ސެޓުތައް ހިރިލަންދޫން ގެންދިޔައީ 31-29، 25-12 އަދި 25-22 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިރިލަންދޫގެ އަލީ ވަހީދެވެ.

ކޮޅުމަޑުލު ވޮލީ ޓޯނަމެންޓްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ހިރިލަންދޫ އާއި މަޑިފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، ހިރިލަންދޫއިން ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި --
އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ އިއްޔެގެ މެޗުން ބަލިވި، މަޑިފުއްޓާއި ވިލިފުއްޓެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުއްޓާއި، މަޑިފުއްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައި ވަނީ ވިލުފުއްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިން ވެސް ކުޅެމުންދެ އެވެ.
ފިރިހެން ޑިވިޝަނަށް ބަލައިލާ އިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.
އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާ އާއި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.