10 Apr 2016, 12:11
ވޮޝިންޓަން (އޭޕްރިލް 10): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެގައުމުގެ ވަޔޯމިން ސްޓޭޓުގައި ބޭއްވި ކޯކަސް ތަކުން ބާނީ ސޭންޑާސް ކުރި ހޯއްދަވައިފި އެވެ.
ޕާޓީ ޕްރައިމަރީއަކާ ހިލާފަށް ކޯކަސް އަކީ ވަކި ސަރަހައްދެއްގެ ވޯޓުލާ ފަރާތްތަކުން އެއްވެގެން، ޕާޓީގެ ކެނޑިޑޭޓުންނާ ބެހޭ ގޮތުން މަޝްވަރާކޮށް ވަކި ކެނޑިޑޭޓަކަށް ތާއިދު ކުރުމަށް ނިންމުމެވެ.
ވަޔޯމިންއަކީ ސޭންޑާސް ޖެހިޖެހިގެން ކާމިޔާބު ކުރެއްވި އަށް ވަނަ ސްޓޭޓެވެ. ނަމަވެސް، މުޅި ރޭހަށް ބަލާލާއިރު ޑިމޮކްރަޓިކް ރޭހުގެ ކުރީގައި އުޅުއްވަނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެވެ.
ކްލިންޓަން އާއި ސޭންޑާސްއަށް ވަޔޯމިން އިން ހަތް ޑެލިގޭޓުން ލިބިލެއްވި އެވެ. އެހެން ކަމުން މިހާރު ކްލިންޓަން އަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު 1،756ށް އަރަ އެވެ. ސޭންޑާސްއަށް ތާއިދު ކުރާ ކެނޑިޑޭޓުންގެ އަދަދަކީ 1،068 އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާން ބޭނުންވާ ބޭފުޅަކު 2،383 ޑެލިގޭޓުން ކާމިޔާބު ކުރައްވަން ޖެހޭނެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު އަށެއްގަ އެވެ. (ބީބީސީ)