ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށް، ދެކުނުގެ ރަށްތަކުގައި ކުރިއަށްގެންދިޔަ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ފައިނަލް މެޗުގައި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ބަލިކޮށް، މިސްކިތްމަގު އެންމެންގެ ގުޅުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޏ. ފުވައްމުލަކުގައި އިއްޔެ ކުޅުނު ފައިނަލުގައި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

އިއްޔެ ކުޅުނު ފައިނަލު މެޗުގެ ސެޓުތައް މިސްކިތްމަގު އެންމެންގެ ގުޅުމުން ގެންދިޔައީ 25-15، 25-13 އަދި 25-14 އިންނެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިމިނަތު އަޒީމާ އެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ރަނަރަޕް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން -- ފޮޓޯ: ވީއޭއެމް

މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދިއިރު، ރަނަރަޕް މަގާމު ލިބުނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނަށެވެ. މުބާރާތުގެ ފެއާޕްލޭ ޓީމު އަދި ތިން ވަނައަށް ހޮވުނީ ވެޝިނަލަ ޖަމިއްޔާ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިޝަތު މާޖިދާ އާއި، އެ ޓީމުގެ ޚަދީޖާ މުހައްމަދާ، ހަމަ އެ ޓީމުގެ މަރިޔަމް ސައީދާ އާއި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުގެ ފާތިމަތު ޝަހުލާ އާއި، އެ ޓީމުގެ މަރިޔަމް ސަމާ އަދި ވެޝިނަލަ ޖަމިއްޔާގެ މަރިޔަމް ހަސަނެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގެ އެންމެ މޮޅު ކޯޗަކަށް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުގެ ކޯޗު މުހައްމަދު އަބްދުލް ރަހުމާން ހޮވުނުއިރު، 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ފާތިމަތު މާޔާ އެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ސައުތުގެ ޑްރީމް ޓީމަށް ހޮވުނު ކުޅުންތެރިން -- ފޮޓޯ: ވީއޭއެމް

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުގެ ފާތިމަތު ޖުމާ ޝަޖުމީ ހޮވުނުއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ގައުމީ ޓީމު ކުޅުންތެރިޔާ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމާއި ރަނަރަޕްކަން ހޯދި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނަށް މާލޭގައި ބާއްވާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނެ އެވެ.