03 May 2011, 17:07
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ވެށި ފަހި" ޕްރޮގްރާމްގެ ދަށުން މާލެއާއި ހުޅުމާލެ އިން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދިފައިވާ 21،000 އަށް ވުރެ ގިނަ މީހުންނަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީ އަށް އާއްމުންގެ ތެރެއިން ދެ މީހަކު ހޮވުމަށް ނިންމައި، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ އޮފީހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ސްޓިއަރިން ކޮމެޓީގައި ފޯމުތައް ބަލައި ޗެކުކޮށް ޕޮއިންޓް ދޭއިރު އާންމު ރައްޔިތުންގެ ތެރެއިން ދެ ފަރާތެއް ބައިވެރިވުމަށް އެ ކޮމެޓީން ލަފާދީފައިވާ ކަމަށެވެ. އެގޮތުން ކޮމެޓީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ކުރިމަތިލުމުގެފުރުސަތު ހުޅުވާލައިފަ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މާލޭގެ ރައްޔިތަކަށް ވަންޖެހޭ ކަމަށް ޝަރުތު ކޮށްފައިވާ އެ ކޮމެޓީގައި ބައިވެރިވާން އެދޭ ފަރާތްތަކުން ވަކި މީހަކު ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލައިގެން ނަގޭ ގުރުއަތަކުން ނެވެ.
އިއުލާނުގައިވާ ގޮތުން އެ ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ ލިޔަންކިޔަން އެނގޭ 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވައްކަމާއި ހިޔާނާތުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ.