ރަހުމަތްތެރިކަމުގެ ދަތުރެއްގައި ރާއްޖެ ޒިޔާރަތްކުރި ސްރީލަންކާ ނޭވީގެ ދެ މަނަވަރު "ސްރީލަންކަން ނޭވީ ޝިޕް ޝަކްތީ" އަދި "ސްރީލަންކަން ނޭވީ ޝިޕް ސްރަނިމިލަ" މިއަދު ރާއްޖެއިން ފުރައިފިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖެ ޒިޔާރަތް ކުރި އެ ދެ މަނަވަރު ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި އެމްއެންޑީއެފާ ގުޅިގެން ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ގިރިފުށީ ޓްރޭނިން ސެންޓަރުގެ އެންސީއޯ އެކަޑަމީއަށް ޒިޔާރަތްކޮށް މަސައްކަތް ހިނގާ ނުހިގާގޮތް ބަލާލުމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަށާއި ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ވެސް އެ ދެ މަނަވަރުގެ އޮފިސަރުންނާއި ސެއިލަރުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެ ދެ މަނަވަރުގެ ކޮމާންޑަރުން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އޭގެ އިތުރުން ދެ މަނަވަރުގައި މަސައްކަތް ކުރާ ސެއިލަރުންނާއެކު ދިވެހި ސިފައިން އެކުވެރިކަމުގެ ކުޅިވަރު ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.