10 Apr 2016, 11:20
އިއްޔެގެ ވަގުތެއްގައި ށ. އަތޮޅުން ކަނޑުމަތިން ފެނުނު ބިދޭސީ މީހާއަކީ ފިލައިގެން ދާން މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތަކު ކަނޑުމަތިން ފެނިފައި ވަނީ އިއްޔެ ހެނދުނު 9:30 ހާއިރު ށ. ހިރިބަނދޫ ދިމާލުން ދެ މޭލު ބޭރުން، އެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ޑިންގީއެއްގައި ތިބި ބަޔަކަށެވެ.
ވަދާ ނުކުމެ އުޅުނު ޑިންގީއަށް އެ މީހާ ފެނުމުން، އޭނާ ނަގައިގެން ފުނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ހޮސްޕިޓަލުން އިއްޔެ ސަން އަށް ބުނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި މިހާތަނަށް ކުރި ތަހުގީގުން އެ މީހާ އަކީ ފިލަން އުޅުނު މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް އެމީހާ ވަނީ އޭނަ ރާއްޖެ ގެނެސްފައިވާ ފަރާތާ ފިލައިގެން ށ. ޅައިމަގަށް ގޮސްފަ އެވެ.
ޅައިމަގުން އޭނާ ގެނައުމުން، އޭގެ ފަހުންވެސް ދެ ފަހަރު ފިލައިގެން ދިއުމުން، މިދިޔަ ހުކުރު ދުވަހު އޭނާ ރާއްޖެ ގެނައި ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އޭނާ މާކަނޑަށް ނުކުމެ މަސައްކަތް ކުރަމުންދިޔައީ ފިލައިގެން ކޮންމެވެސް އެހެން ރަށަކަށް ދާށެވެ." ފުލުހުން ބުނެފައިވެ އެވެ.
އެ ބިދޭސީ މީހާ މަސައްކަތްކުރަމުންދަނީ ރިސޯޓެއްގެ ގޮތުގައި ށ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ކަނބާލި ފަރުގައެވެ.