ކުރިއަށް އޮތް ސްޕައިޑަ-މޭން ރީބޫޓުގައި މާވެލްގެ ބައެއް ސުޕަހީރޯތައް ފެނިގެންދާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

މާވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފެއިގް ވިދާޅުވި ގޮތުގައި، ސޮނީ އިން އުފައްދައި، އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރަން ނިންމާފައިވާ ސްޕައިޑަ-މޭންގެ އާ ފިލްމުގައި މާވެލްގެ ބައެއް ކެރެކްޓާތައް ފެނިގެންދާނެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"އޭނާ (ސްޕައިޑަ މޭން) މިހާރު އެހުރީ ޔުނިވާސަލްގަ. ޔުނިވާސަލްގެ މަޖޖާ ކަމަކީ ކެރެކްޓާތައް ފެނިފަ ގެއްލޭނެ،" އީޑަބްލިއު އަށް ދިން އިންޓަވިއުއެއްގައި ފެއިގް ބުނެފައިވެ އެވެ.

ސޮނީ އާއި މާވެލް ސްޓޫޑިއޯ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާވެލް ސްޓޫޑިއޯ ފިލްމު ތަކުގައި ސޮނީއަށް ނިސްބަތްވާ ސްޕައިޑަ-މޭން ފެނިގެންދާނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މާވެލް ސްޓޫޑިއޯ ކެރެކްޓާތައް ސޮނީ އިން އުފައްދާ ސްޕައިޑަ-މޭން ފިލްމުތަކުގައި ފެނިގެންދާނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ސްޕައިޑަ-މޭން ފެނިގެންދާނީ މާވެލް އިން އަންނަ މޭމަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ.

ސްޕައިޑަ މޭންގެ ކުރިއަށް އޮތް ފިލްމާ ގުޅިގެން އަދި އެހާ ގިނަ މައުލޫމާތުތަކެއް އަދި މީޑިއާއަށް ފެންމަތިވެފައިނުވާއިރު، ސްޕައިޑަ މޭންގެ އާ ފިލްމުގައި ސްޕައިޑަ-މޭންގެ ރޯލުން ފެނިގެންދާނީ އިނގިރޭސި އެކްޓަރު ޓޮމް ހޮލޭންޑެވެ. އަދި އެ ފިލްމު ޑައިރެކްޓްކުރާނީ ޖޮން ވޮޓް އެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އެ ފިލްމު ވެގެންދާނީ ސްޕައިޑަ-މޭން ފްރެންޗައިޒްގެ ހަވަ ފިލްމަށެވެ. އަދި ސްޕައިޑަ މޭންގެ ފިލްމުތަކަށް މިހާތަނަށް މުޅި ދުނިޔެއިން ވަނީ ހަތަރު މިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައެވެ.